އޮމާން ކަނޑުން މިދިޔަ މަހު އެމެރިކާގެ ބާރުގެ ދަށަށް ގެނައި އީރާނުގެ 'އެމް.ވީ ތޫސްކާ' ބޯޓުގެ ފަޅުވެރިން، އަނބުރާ އީރާނަށް ފޮނުވާލުމަށްޓަކައި ޕާކިސްތާނާ ހަވާލުކޮށްފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނެފިއެވެ.
ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވި ގޮތުގައި، އެ ބޯޓުގެ 22 ފަޅުވެރިން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާއިން މިއަދު ވަނީ ނިންމާފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ހުރަސްތަކާ ދެކޮޅުހެދުމުގެ ތުހުމަތުގައި މިދިޔަ މަހު ހިފެހެއްޓި މި ބޯޓު، އަނބުރާ އޭގެ އަސްލު މިލްކުވެރިންނާ ހަވާލުކުރުމުގެ މަރުހަލާ ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އެމެރިކާއިން އީރާނުގެ މި މުދާ އުފުލާ ބޯޓު ހިފެހެއްޓުމުން، އިރާނުން ވަނީ އެއީ "ކަނޑުފޭރުމުގެ" އަމަލެއްގެ ގޮތުގައި ސިފަކޮށް އެކަން ކުށްވެރިކޮށްފައެވެ.
ސެންޓްކޮމްއިން ބުނި ގޮތުގައި، އެ ބޯޓުން ދަތުރުކުރި އިތުރު 6 މީހަކު މިދިޔަ ހަފުތާގައި ވަނީ ސަރަހައްދީ އެހެން ގައުމަކާ ހަވާލުކޮށްފައެވެ. ބެލެވޭ ގޮތުގައި އެއީ ފަޅުވެރިންގެ އާއިލާގެ މެންބަރުންނެވެ.



