އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ބައެއް ބޭފުޅުން ސިޔާސީ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ރާއްޖޭގެ އިގްތިސާދު ނުރައްކަލަށް ހުށަހެޅޭފަދަ ދޮގު މައުލޫމާތު ފަތުރަމުންދާތީ، އެފަދަ ޒިންމާދާރުކަން ކުޑަ ކަންކަން ނުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު ސަޢީދު މިކަމަށް އިލްތިމާސްކުރެއްވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އިގްތިސާދީ ހާލަތާއި ކާބޯތަކެއްޗާއި ތެލުގެ އަގުތަކާ ގުޅުވައިގެން ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 އަދި 13 ވަނަ ދުވަހާ ދިމާކޮށް ސިޔާސީ ހަލަބޮލިކަން އުފެއްދުމަށް އިދިކޮޅުން މަސައްކަތްކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބާޒާރާއި ސަރަޙައްދީ އެހެން ޤައުމުތަކުގެ އަގުތަކަށް ބަލާއިރު ރާއްޖޭގައި ތެލުގެ އަގުތައް ހުރީ ނިސްބަތުން ހެޔޮކޮށްކަން ފާހަގަކުރައްވައި ވަޒީރު ވަނީ ތަފާސްހިސާބުތަކެއް ހިއްސާކުރައްވާފައެވެ:

  • ޕެޓްރޯލް: ރާއްޖޭގައި ލީޓަރެއް 16.10 ރުފިޔާއަށް ލިބެން ހުރިއިރު، ސިންގަޕޫރުގައި އުޅެނީ 40.90 ރުފިޔާގައެވެ. އަދި އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 18.80 ރުފިޔާގައެވެ.

  • ޑީސަލް: ރާއްޖޭގައި ލީޓަރެއް 17.54 ރުފިޔާއަށް ލިބޭއިރު، ސިންގަޕޫރުގައި 41.63 ރުފިޔާއަށް އަދި ދުބާއީގައި އުޅެނީ 16.10 ރުފިޔާގައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އިތުރުން، ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ އިތުރަށް ޗާޕުކޮށްގެން ދިވެހި ފައިސާގެ އަގު އިންތިހާއަށް ވައްޓާލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެފަދަ އުނދަގޫ ދަނޑިވަޅެއްގައިވެސް، މި ސަރުކާރުން ދަނީ ތަކެތީގެ އަގުތައް ހިފެހެއްޓުމަށާއި އިޤްތިޞާދު ހަމައަކަށް އަޅުވައި އަލުން ކޮޅަށް ޖެހުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވިދާޅުވިއެވެ.

ޤައުމުގެ އިޤްތިޞާދު ވަރުގަދަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުންދާތީ ވަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބަންކަރިންގ ޚިދުމަތް ފެށުމާއި، ރެސިޑެންސީ ވިސާގެ ނިޒާމު ޤާއިމުކުރުމާއި، ޓައުންޝިޕް ފަދަ ބިޔަ މަޝްރޫޢުތަކުގެ އިތުރުން ކުދި ވިޔަފާރިތަކަށް ދަށް އަގުގައި ލޯނު ދޫކުރުމަށްވެސް އިދިކޮޅުން ފާޑުކިޔަމުންދާކަން ފާހަގަކުރެއްވިއެވެ.

"މިބޭފުޅުން މި ވިދާޅުވަނީ ރާއްޖޭގެ އިކޮނޮމީ ރަނގަޅު ކުރަންޖެހޭ. ރާއްޖޭގެ އިކޮނޮމީ ރަނގަޅުކުރަން ދެން ކުރަންވީ ކޮންކަމެއްތޯ ވިދާޅުވާންވީ ނޫންތޯ. ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދީގެންނުވޭ، ޓައުންޝިޕްއެއް ހިނގައިގެން ނުވޭ، ރެޒިޑެންސީ ވިސާ ޤާއިމްކޮށްގެން ނުވޭ..." - ވަޒީރު މުޙައްމަދު ސަޢީދު

ވަޒީރު ސަޢީދު ވަނީ ސަރުކާރުން އަޅަމުންދާ އިޤްތިޞާދީ ފިޔަވަޅުތައް ކަމުނުދާނަމަ، އިޤްތިޞާދު ރަނގަޅުކުރުމަށް އޮތް އެހެން ހައްލުތަކަކީ ކޮބައިކަން ސާފުކޮށްދިނުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ. އަދި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާ ހޯދުމަށްޓަކައި ވެރިކަން ކުރައްވާފައިވާ ބޭފުޅުން މިފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް