މައިކްރޯޕިޕެޓް ޓިޕް ގަތް މައްސަލައިގައި އޭއީއެޗްގެ 4 މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވައިފި

ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް އެދި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ހަތަރު މުވައްޒަފެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައަކީ ހޮސްޕިޓަލަށް މާކެޓް ރޭޓަށްވުރެ ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތައް ހޯދި މައްސަލައެކެވެ. ދައުވާކުރުމަށް އެދި ފޮނުވި ފަރާތްތަކަކީ، ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި މުހައްމަދު ސާއިން އަހުމަދާއި، ބިޑު ކޮމިޓީގެ ޗެއާޕާސަން އަޒީމް ލަތީފާއި، ބިޑު ކޮމިޓީގެ ދެ މެންބަރުން ކަމަށްވާ އަބްދުﷲ ވަހީދާއި ޑރ. ފާތިމަތު އަމާނީ ނަސީރެވެ.

މި ހަތަރު މީހުންގެ މައްޗަށް ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށްވެސް އޭސީސީން އެދިފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، އޭއީއެޗާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް މިދިޔަ އަހަރު ކުރި އިޢުލާނަކާ ގުޅިގެންނެވެ.

އޭސީސީން ބުނީ، އެ އިޢުލާނުގައި ހިމެނޭ 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށާއި، އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއް ނެތި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް އެ ތަކެތި ހޯދާފައިވާކަން ތަޙުޤީޤުގައި ފާހަގަކުރެވުނު ކަމަށެވެ.

މީގެ އިތުރުން، ދައުލަތަށް ގެއްލުންވި ފައިސާގެ އަދަދު ހިސާބުކޮށް، ހޮސްޕިޓަލުގެ މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައި، އަނބުރާ ހޯދަންޖެހޭ އަދަދުތައް ކަނޑައަޅައި އެ ފައިސާ ދައުލަތަށް ހޯދުމަށް އެންގުމަށްވެސް އޭސީސީން ނިންމާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް