މި މަހުގެ ނިޔަލަށް ބޭހުގެ ބޮޑު ސްޓޮކެއް ގުދަންކުރެވޭނެ: ސްޓޭޓް ފާމާ

މި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ބޭހުގެ ބޮޑު އަދަދެއް އެތެރެކޮށް ގުދަންކުރެވޭނެ ކަމަށާއި، ބޭސް ލިބުމުގައި މިހާރު ދިމާވެފައިވާ ދަތިތަކަށް ކައިރި މުސްތަޤުބަލެއްގައި ހައްލެއް ލިބޭނެ ކަމަށް ޤައުމީ ބޭސް ކުންފުނި ސްޓޭޓް ފާމާއިން ބުނެފިއެވެ.

ހުޅުމާލޭގައި ހުރި ސްޓޭޓް ފާމާގެ މައި ވެއާހައުސްގެ މަސައްކަތްތައް މީޑިއާތަކަށް ދައްކާލުމަށް ބޭއްވި ހަރަކާތެއްގައި ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު ވިދާޅުވީ، ވަރަށް ގިނަ ޝިޕްމަންޓުތަކެއް މިދިޔަ ހަފްތާގައި އައި ކަމަށާއި، މިހާރުވެސް ބޭސް އަންނަމުން ދާތީ ނޮވެމްބަރު ނިމޭއިރު ބޭހުގެ ބޮޑު އަދަދެއް ގުދަންކުރެވޭނެ ކަމަށެވެ.

އިމާދު ވިދާޅުވި ގޮތުގައި، އެސްޓީއޯއިން ދެމުންދިޔަ ބޭހުގެ ޚިދުމަތާ ސްޓޭޓް ފާމާއިން ހަވާލުވުމަށްފަހު ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ޚިދުމަތަށް ބުރޫއެރުމެއް ނެތި ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ 195 ފާމަސީއަށް ދަތިތަކާއެކުވެސް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭސް ދޫކުރުން ހަލުވިކުރުމަށް ހުޅުމާލޭގެ ވެއާހައުސްގެ ޚިދުމަތް ރޭގަނޑު 10:00 އާ ހަމައަށް އިތުރުކޮށްފައިވާއިރު، ރަށްރަށަށް ބޭސް އުފުލުމަށް ޚާއްޞަ އުޅަނދުތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އަދި އަތޮޅުތަކަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ލޮޖިސްޓިކް ދަތިތައް ހައްލުކުރުމަށް އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރީޖަނަލް ވެއާހައުސްތައް ގާއިމުކުރަން ނިންމާފައިވާ ކަމަށްވެސް އިމާދު ވިދާޅުވިއެވެ.

މީގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް ފާމަސީތައް ގިންތިކޮށްފައިވާއިރު، ކޮންމެ ފާމަސީއަކުން އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަށް ކަނޑައަޅާފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ އަބަދުވެސް ލިބެން ހުންނަން ޖެހެއެވެ. މިހާރު ހިންގާ ފާމަސީތަކުން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް މި އިންތިޒާމު ހަމަޖައްސަން ޖެހޭއިރު، އަލަށް ހުޅުވާ ފާމަސީތަކަށް ހުއްދަ ދޫކުރާނީ މި ޝަރުތު ފުރިހަމަކުރުމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް