ޖުމްހޫރީ ދުވަހާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެތީ، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި އާންމުކޮށް ދަތުރުކޮށް އުޅޭ ފަރިތަ މަގުތަކަކީވެސް ނުރައްކާތެރި ތަންތަނަށް ވެދާނެކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. މަގުތައް ތެމިފައި އޮތުމުގެ ސަބަބުން ސައިކަލު ކަހައިލައި އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވާ ކަމަށާއި، ބޮޑުވެފައިވާ ފެންގަނޑުގެ އަޑީގައި އަޑިގުޑަންތައް ފޮރުވިފައި ހުރެދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިކަމުން ރައްކާތެރިވުމަށް އެޅޭނެ އެންމެ ފަސޭހަ އަދި އެންމެ ހަރުދަނާ ފިޔަވަޅަކީ ދުވެލި މަޑުކުރުން ކަމަށް ފުލުހުން ބުނިއެވެ. އަދި ދެ އުޅަނދު ދޭތެރޭ އެކަށީގެންވާ ދުރުމިނެއް ބަހައްޓައި، ފެންބޮޑުވެފައިވާ މަގުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ދުއްވުމަށްވެސް ފުލުހުން އިރުޝާދުދީފައިވެއެވެ.
ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ރޭވުމުގައާއި ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބެލުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށް ފުލުހުން އެދިފައިވެއެވެ. އަދި އުޅަނދުގައި ލައިފްޖެކެޓް ހުރިތޯ ކަށަވަރުކޮށް، މޫސުން ގޯސްނަމަ ކަނޑުމައްޗަށް ނޭރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ފެންބޮޑުވާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ފެންގަނޑުގައި ހުރެ ކަރަންޓު ސްވިޗްތަކާއި ވަޔަރުތަކުގައި އަތްނުލުމަށާއި، ގޭތެރެއަށް ފެންވަނުމުގެ ކުރިން ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ނަސޭހަތްތެރިވެފައިވެއެވެ. ވައިގަދަނަމަ ބެލްކަނީގައި ވަޔާ ދާގޮތަށް އެއްޗެހި ނުބެހެއްޓުމަށާއި، ވަޔާ ހިނގައިދާނެ ތަކެތި ރަނގަޅަށް ހަރުކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވުމާއެކު ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރައި ކަނޑުގަދަވުމާއެކު ބައެއް ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން މާދަމާއިން ފެށިގެން ހަތަރު ދުވަހަށް ސަރުކާރު ބަންދުވާނެއެވެ.





