އޮކްޓޯބަރު މަހު ދައުލަތަށް 2.28 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: މީރާ

މިދިޔަ އޮކްޓޯބަރު މަހު ދައުލަތަށް 2.28 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި، އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށްވުރެ 11.8 އިންސައްތަ އިތުރު އަދަދެއް ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ލިބުނު އާމްދަނީއަކީ އޮކްޓޯބަރު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.9 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނީ، މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ އާންމު ދާއިރާގެ ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާއި ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހުން ކަމަށެވެ. މީގެ އިތުރުން، އެއާޕޯޓް ޓެކުހާއި ފީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ އިންކަމް ޓެކުހާއި، ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމަކީވެސް އާމްދަނީ އިތުރުވި ސަބަބުތަކެއް ކަމަށް މީރާއިން ބުނެފައިވެއެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ 19.6 އިންސައްތަ ލިބިފައިވަނީ، ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި ޚާއްޞަ މަސައްކަތްތަކުންނެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 448 މިލިއަން ރުފިޔާ ހޯދާފައިވެއެވެ.

މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައި، 58.9 އިންސައްތަ ނުވަތަ 1.3 ބިލިއަން ރުފިޔާ ލިބިފައިވަނީ ޖީއެސްޓީންނެވެ. އަދި އިންކަމް ޓެކުހުން 248 މިލިއަން ރުފިޔާ، ގްރީން ޓެކުހުން 156 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 151 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 149 މިލިއަން ރުފިޔާ އަދި ވޯކް ޕަރމިޓް ފީގެ ގޮތުގައި 73 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 96.24 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 30 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، އޭގެ ތެރޭގައި 1.3 ބިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް