2020 ވަނަ އަހަރު ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ފުރަބަންދުކޮށްފައި ވަނިކޮށް، ދެކުނުގެ ރަށެއްގައި ފިރިހެނަކު އޭނާގެ ކުރީގެ އަނބިމީހާއަށް އަނިޔާކުރި މައްސަލައިގައި ދެ މަހާއި އަށް ދުވަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވައިފިއެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއަށް ޝަރީއަތުގައި އޭނާ އިންކާރުކުރި ނަމަވެސް، ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި މައްސަލަ ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް އަސްލު އިއްވީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ތަހުގީގު މަރުހަލާގައި ބަންދުގައި ހުރި ދުވަސްތައް އުނިކުރުމުން ދެން އޭނާ ތަންފީޒު ކުރަންޖެހޭނީ ދެ މަހާއި އަށް ދުވަހުގެ ހުކުމެކެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އެ ފިރިހެން މީހާ އޭނާގެ ކުރީގެ އަނބިމީހާ ހޯދަން ދިޔައީ އޭނާގެ ދަރިފުޅު ނުދައްކައިގެންނެވެ. ނަމަވެސް، އަންހެން މީހާ ދަރިފުޅު ދެއްކުމަށް ދެކޮޅު ހެދީ، ފިރިހެން މީހާ ދަރިފުޅާ ހަވާލުވާން ދެކޮޅު ހަދާފައިވާތީއެވެ. މިއާއެކު ހިނގި ހަމަނުޖެހުމުގައި ފިރިހެން މީހާ ވަނީ ކުރީގެ އަނބިމީހާގެ ބޮލުގެ ފުށްކިބައިގައާއި، ކަންކަށި މަތީގެ އިތުރުން ކަންފަތް މަތީގައި ޖަހައި އަނިޔާކޮށްފައެވެ.
މި މައްސަލައިގެ ޝަރީއަތުގައި ފިރިހެން މީހާ ކުށަށް އިންކާރުކުރި ނަމަވެސް، ދައުލަތުން ވަނީ އަނިޔާވި މަންޒަރު ދުށް މީހުންގެ ހެކިބަހުގެ އިތުރުން، އަންހެން މީހާއަށް އަނިޔާވެގެން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދިކަން އެނގޭނެ ސިއްހީ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާފައެވެ. ކޯޓުން އެ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމީ ދައުލަތުން ހުށަހެޅި މި ހެކިތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.




