ބޯޑު އޮފް ޕީސްގެ ޑިރެކްޓަރު ނިކޯލައި މިލައިޑުނޯވް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އެކުލަވާލާފައިވާ "ބޯޑު އޮފް ޕީސް" އިން، ހަމާސްއިން އެކީއެކަށް ހަތިޔާރު ބަހައްޓައި ނިންމުމުގެ ކުރިން އިސްރާއީލު ސިފައިން ޣައްޒާއިން ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފިއެވެ.

މި ނިންމުން ހާމަކޮށްފައިވަނީ ބޯޑު އޮފް ޕީސްގެ ހައި ރެޕްރެޒެންޓެޓިވް ނިކޯލައި މްލާޑެނޯވް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވެވި މުހިންމު ބައްދަލުވުމަކަށް ފަހުގައެވެ.

އިސްރާއީލުން ވަނީ ކުރިން އެކުލަވާލެވުނު ޕްލޭނުގައި، ހަމާސްއިން ހަތިޔާރު ބެހެއްޓުމުގެ ކުރިން އިސްރާއީލު ސިފައިން މަރުހަލާތަކަކަށް ބަހާލައިގެން ފަހަތަށް ޖެހުމަށް އޮތް މާއްދާއާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއާއެކު ބޯޑު އޮފް ޕީސްއިން ވަނީ އިސްރާއީލުގެ ސަލާމަތީ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ހަމާސްއިން ހަތިޔާރު ނައްތާލުން ފުރިހަމަކުރުމަކީ އިސްރާއީލު ސިފައިން ފަހަތަށް ޖެހުމުގެ އަސާސީ ޝަރުތެއް ކަމަށް ކަނޑައަޅާފައެވެ.

"ޣައްޒާގައި އިސްރާއީލާއި ހަމާސްގެ ކޮންޓްރޯލް ވަކިކުރާ "ޔެލޯ ލައިން"ގެ ފަހަތަށް އިސްރާއީލު ސިފައިން ފަހަތަށް ޖެހޭނީ، މެދުވެރިން މެދުވެރިކޮށް ހަމާސްއިން އެއްބަސްވެފައިވާ ގޮތަށް އެ ޖަމާއަތުގެ ހަތިޔާރުތައް އެކީއެކަށް ނައްތާލައި ނިމުމުންނެވެ." ބޯޑު އޮފް ޕީސްގެ ބަޔާން

މި އެއްބަސްވުމުގެ ދަށުން ހަމާސްގެ އަސްކަރީ ގާބިލުކަން ނައްތާލުމަށްފަހު، ޣައްޒާގެ ހިންގުން ހަވާލުކުރެވޭނީ ސިޔާސީ ނޫން، ފަންނީ (ޓެކްނޯކްރެޓިކް) މަދަނީ ސަރުކާރަކާއެވެ. އަދި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ ސުލްހަބަލަހައްޓާ ފޯސްއަކުން ހަރަކާތްތެރިވާނެއެވެ.

ނަމަވެސް، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މުޅިން ހުއްޓާނުލައި ކުރިއަށްދާތީއާއި، ހަތިޔާރު ބެހެއްޓުމުގެ މަރުހަލާތައް ކުރިއަށްދާނެ ގޮތާމެދު ދެފަރާތުގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރުމުން، މި ޕްލޭން އަމަލީގޮތުން ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން މާހިރުން ފާހަގަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް