ޔަމަނުގެ ތަޢިއްޒަށް ދިން ހަމަލާތަކުގައި ޢާންމުންގެ 33 މީހުން މަރުވެއްޖެ

ޔަމަނުގެ ތަޢިއްޒު ސިޓީއަށް ޙޫޘީން ދިން ކަމަށް ތުހުމަތުކުރެވޭ ހަމަލާތަކެއްގައި ޢާންމުންގެ ތެރެއިން 33 މީހުން މަރުވެ، 58 މީހަކު ޒަޚަމްވެފައިވާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތަކުން ބުނެފިއެވެ.

"ނެޓްވޯކް ފޯ ރައިޓްސް އެންޑް ފްރީޑަމްސް" އިން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފާއިތުވި 73 ގަޑިއިރު ތެރޭގައި ޢާންމުންނާއި ޢާންމު ޢުމްރާނީ ވަސީލަތްތަކާ ދެކޮޅަށް ޙޫޘީން ވަނީ ޤާނޫނާ ޚިލާފު 133 ޢަމަލެއް ހިންގާފައެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކާއި ރޮކެޓް ޕްރޮޖެކްޓައިލް ފަދަ 216 ހަމަލާ ހިމެނެއެވެ.

ހުކުރު ދުވަހު އަލްވަޒީޢިއްޔާ ޑިސްޓްރިކްޓުގެ އަލްޙަޟާރާ މާރުކޭޓަށް ދިން ހަމަލާގައި ގާތްގަނޑަކަށް 30 މީހުން މަރުވެ، 45 މީހުން ޒަޚަމްވެ، 13 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ހަމަލާގެ ޒިންމާ ވެސް ޖަމާޢަތުން އަޅުވާފައިވަނީ ޙޫޘީންގެ ބޮލުގައެވެ. ނަމަވެސް ޙޫޘީން ބުނެފައިވަނީ މާރުކޭޓަށް ދިން ހަމަލާއަކީ ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނުގެ ވައިގެ ހަމަލާއެއް ކަމަށެވެ. މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ރަސްމީކޮށް ނަގާފައެއް ނުވެއެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުއްދަތުގައި ޢާންމުންގެ ހަ މީހަކު ވަގަށް ނެގުމާއި 12 ގެއެއް ބަލައިފާސްކުރުމުގެ އިތުރުން، ޢާންމު އުޅަނދުފަހަރާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ވެސް ވަނީ ގެއްލުން ދީފައެވެ.

ތަޢިއްޒަށް މެދުނުކެނޑި ދެމިގެންދާ ހަމަލާތަކާއި ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ކާބޯތަކެތި، ތެޔޮ އަދި ބޭހުގެ ދަތިކަން ވަރަށް ބޮޑުވެ، އެ ސަރަހައްދުގެ އިންސާނީ ޙާލަތު ގޯސްވަމުންދާ ކަމަށް ޖަމާޢަތުން ވަނީ އިންޒާރުދީފައެވެ. އަދި ޢާންމުންނަށް އަމާޒުކޮށް ހިންގާ މިފަދަ ޖަރީމާތައް މިނިވަންކަމާއެކު ތަޙުޤީޤުކުރުމަށް ވެސް ރިޕޯޓުގައި ގޮވާލާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް