ކަނޑުމައްޗަށް ގެއްލިގެން ހޯދަމުންދާ ތިން މީހުން ހޯދުމުގެ ވަރުގަދަ ސާޗް އޮޕަރޭޝަނެއްގައި އެމްއެންޑީއެފްގެ އަސްކަރީ ޑްރޯންތަކާއި ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެއާކްރަފްޓް ބޭނުންކުރަން ފަށައިފިއެވެ.
މި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ސިފައިންގެ އިދާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި، ރޭގެ ވަގުތެއްގައި ކަނޑުމައްޗަށް ގެއްލުނު މި ތިން މީހުން ހޯދުމަށްޓަކައި ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް އަންނަނީ ބަލަމުންނެވެ.
މި މަސައްކަތުގައި އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީ ނުވަތަ ޑްރޯންތަކުގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ވައިގެ މަގުން ސާފަސް ސާޗްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި ކޯސްޓްގާޑުގެ އުޅަނދުފަހަރު ވެސް ދަނީ ކަނޑުމަގުން ހަރަކާތްތެރިވަމުންނެވެ. ވައިގެ މަގުން ބޭނުންކުރާ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކަނޑުގެ ބޮޑު ސަރަހައްދެއް ކުރު މުއްދަތެއްގެ ތެރޭގައި ބެލުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މި ތިން މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް އެންގުމަށް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.


