އިރާންގެ "ނިއުކްލިއަރ އަދި މިސައިލް ގާބިލުކަމަކީ" ގައުމީ މުހިންމު ރައުސްމާލެއް ކަމަށާއި، އެ ވަސީލަތްތައް އެގައުމުން ސާބިތުކަމާއެކު ދިފާއުކުއްވާނެ ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
ޚާމަނާއީ މިފަދަ ހަރުކަށި ބަސްފުޅެއް ވިދާޅުވެފައި މިވަނީ އެމެރިކާއާއި އިސްރާއީލާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ތެރޭގައެވެ.
"ޕާޝިއަން ގަލްފް ޑޭ" ފާހަގަކުރުމުގެ ގޮތުން ނެރުއްވި ބަޔާނެއްގައި ޚާމަނާއީ ސިފަކުރެއްވި ގޮތުގައި، އީރާނުގެ ސައިންޓިފިކް، ޓެކްނޮލޮޖިކަލް އަދި އަސްކަރީ ކުރިއެރުންތަކަކީ، އޭގެ ތެރޭގައި ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތައް ހިމެނޭ ގޮތަށް "ގައުމީ ރައުސްމާލެކެވެ".
އަދި އެގައުމުގެ 90 މިލިއަން ރައްޔިތުން، ގައުމުގެ ބޯޑަރުތަކާއި، ބިމާއި، ވައިގެ ސަރަހައްދު ހިމާޔަތްކުރާ ފަދަ ވަރުގަދަ އަޒުމެއްގައި އެ ވަސީލަތްތައް ހިމާޔަތްކުރާނެ ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.
ޚާމަނާއީ މިފަދައިން ވިދާޅުވެފައި މިވަނީ، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދާދިފަހުން ދިން ހަމަލާތަކަށްފަހު، ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލްތަކަށް ހުރަސްތަކެއް ކުރިމަތިކުރުވުމަށް އެމެރިކާއާއި އިސްރާއީލުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މި ހަމަނުޖެހުމުގައި އެމެރިކާއަށް ލިބުނީ "ލަދުވެތި ނާކާމިޔާބީއެއް" ކަމަށްވެސް ޚާމަނާއީ ވިދާޅުވިއެވެ.
މި ބަޔާނާއެކު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން މިއަދު ތެލުގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން، ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އަލުން ބުރޫއަރާފާނެ ކަމުގެ ބިރު އޮތުމުން، ސާފުކުރި ތެޔޮ ފީފާއެއްގެ އަގު ވަނީ ކުޑަ ވަގުތުކޮޅަކަށް 126 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.



