މިސައިލް ބޭނުންކޮށްގެން ކުރާ ހަނގުރާމައަށް ޚާއްޞަ ފައުޖެއް ޕާކިސްތާނުން އުފައްދައިފިކަން އެ ޤައުމުގެ ބޮޑުވަޒީރު އިޢުލާނުކުރައްވައިފިއެވެ.
މިއަދު ފާހަގަކުރާ ޕާކިސްތާނުގެ މިނިވަން ދުވަހުގެ ޙަފްލާގައި، "އާމީ ރޮކެޓް ފޯސް"ގެ ނަމުގައި ޙާއްޞަ ފައުޖެއް އުފެއްދިކަން އިޢުލާނުކުރައްވަމުން، އެ ޤައުމުގެ ބޮޑުވަޒީރު ޝެޙްބާޒް ޝަރީފް ވިދާޅުވީ، އެ ފައުޖުގައި އެންމެ ޒަމާނީ އާލަތްތަކާއި ޓެކްނޮލޮޖީގެ ޤާބިލުކަން ޤައިމުކުރެވޭނެ ކަމަށާއި، އަދި ހަނގުރާމައިގެ މައިދާނުގައި ޢާންމުކޮށް ބޭނުންކުރާ އުކުޅުތަކުގެ ބޭރުން، ހުރިހާ ދިމާއަކުން ޙަމަލާދިނުމުގެ ޤާބިލުކަން މި ފައުޖުގައި ހުންނާނެކަމަށް، ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާތަބް ކުރައްވައި، ޝެޙްބާޒް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
ނަމަވެސް، މި ފައުޖާ ގުޅޭ އިތުރު ތަފްޞީލެއް ނުދެއްވައެވެ. އެ ޤައުމުގެ ސީނިއާ އޮފިޝަލަކާއި ޙަވާލާދީ ބޭރުގެ ޚަބަރުތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި މި ފައުޖު ހިންގާނީ، ޕާކިސްތާނުގެ އަސްކަރިއްޔާގެ ބޭރުން ވަކި ކޮމާންޑެއްގެ ދަށުންނެވެ. އަދި މި ފައުޖު ޙާއްޞަ ވާނީ ހަނގުރާމައިގެ މައިދާނުގައި މިސައިލް ޙަމަލާތައް ދިނުމަށް ކަމަށްވެސް ވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް