ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީއަކާއި ދުޅަހެޔޮ އިގުތިސާދެއް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަމާއި ޖަވާބުދާރީކުރުވުން އިތުރުކޮށް އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
ރަށުގެ ކައުންސިލާއި އާންމު ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް ލިބުނު މި ދަތުރުފުޅުގައި، ރައީސް ވަނީ އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ މެދު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، އެރަށުގައި ސަރުކާރުން ގާއިމުކުރި ވޮލީ ކޯޓު ހުޅުވައިދެއްވުމާއި، ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ. އަދި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.



