ރާއްޖޭގައި ފުޅާދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން މިކަން ވަނީ ހާމަވެފައެވެ. އުރީދޫއިން އާންމުކުރި މާލީ ރިޕޯޓުތަކަށް ބަލާއިރު، މި ފައިދާއަކީ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް، ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު ކާމިޔާބީއެކެވެ. އެ ކުންފުންޏަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ މޯބައިލް ހިދުމަތްތަކާއި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތްތަކުންނެވެ.
މިދިޔަ ކުއާޓަރުތަކާ އަޅާބަލާއިރު ކުންފުނީގެ މާލީ ހާލަތު ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ. ހާއްސަކޮށް ޑިޖިޓަލް ހިދުމަތްތަކާއި އެންޓަޕްރައިޒް ވިޔަފާރިތަކުން ލިބުނު ކުރިއެރުންތަކަކީ ކުންފުނީގެ ސާފު ފައިދާ އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކެވެ. އުރީދޫއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެންމެ ޒަމާނީ މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ވަސީލަތްތައް ތައާރަފުކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.


