ނިމިދިޔަ އަހަރު ރާއްޖޭގައި އެންމެ ގިނައިން ދަރިން ހޯދާފައިވަނީ އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން އާންމުކުރި އެންމެ ފަހުގެ "ކުއާޓާލީ ވައިޓަލް ސްޓެޓިސްޓިކްސް" ރިޕޯޓުން ދައްކައިފިއެވެ.
ރާއްޖޭގައި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ މަޢުލޫމާތު ހިމެނޭ މިއަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަހަކަށް އައިސް ދޮށީ އުމުރުގައި އަންހެނުން ދަރިން ހޯދާ މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވާން ފަށާފައެވެ.
އާންމުކުރެވުނު ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު މުޅިއެކު 5،625 ކުދިން އުފަންވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2،835 ފިރިހެން ކުދިންނާއި 2،789 އަންހެން ކުދިންނެވެ. އަހަރުގެ ތެރޭގައި އެންމެ ގިނައިން ކުދިން އުފަންވެފައިވަނީ ފަހު ކުއާޓަރު (އޮކްޓޫބަރު، ނޮވެމްބަރު އަދި ޑިސެމްބަރު) ގައެވެ. އެ މުއްދަތުގައި އެކަނިވެސް 1،444 ކުދިން ވިހާފައިވެއެވެ. އުފަންވި ކުދިންގެ ތެރެއިން 3،927 ކުދިން މާލޭގައި ވިހާފައިވާއިރު، އަތޮޅުތެރޭގައި ވިހާފައިވަނީ 1،698 ކުދިންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި 193 ދިވެހިން ވިހާފައިވާކަމަށް ރިޕޯޓުގައިވެއެވެ. މި އަދަދުތަކުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ލިބުނު ކުދިންވެސް ހިމެނެއެވެ.
ދަރިން ހޯދި އަންހެނުންގެ އުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނައީ 30 އަހަރާއި 34 އަހަރާ ދެމެދުގެ 1،794 އަންހެނުންނެވެ. ދެވަނައަށް އެންމެ ގިނައިން ދަރިން ހޯދި 25 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރައިން 1،561 އަންހެނުން ހިމެނެއެވެ. މީގެ އިތުރުން 35 އަހަރާއި 39 އަހަރާ ދެމެދުގެ 1،146 އަންހެނުން، 20 އަހަރާއި 24 އަހަރާ ދެމެދުގެ 774 އަންހެނުން، އަދި 40 އަހަރާއި 44 އަހަރާ ދެމެދުގެ 274 އަންހެނުން ދަރިން ހޯދާފައިވެއެވެ. އެންމެ މަދުން ދަރިން ހޯދާފައިވަނީ 15 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރައިގެ 65 އަންހެނުންނާއި، 45 އަހަރާއި 49 އަހަރާ ދެމެދުގެ 11 އަންހެނުންނެވެ.
މި ތަފާސްހިސާބުތަކުން ދައްކައިދެނީ ރާއްޖޭގައި ދަރިން ހޯދާ މިންވަރު އާންމުކޮށް ދަށްވަމުންދާ ކަމެވެ. ސްޓެޓިސްޓިކްސް ބިއުރޯގެ 'މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022-2062' ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރުން ފެށިގެން އަންހެނުން ކުދިން ހޯދާ އަދަދު ވަރަށް ބޮޑަށް ދަށްވާން ފަށާފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރަށް ދަށްވެ، 2062 ވަނަ އަހަރާ ހަމައަށް އަންނައިރު އެވަރެޖުކޮށް އަންހެނަކު ހޯދާނީ 1.5 ކުދިން ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ލަފާކޮށްފައެވެ.



