ހޯރްމުޒް ކަނޑުއޮޅި

އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ބަންދުވެފައިވާ މުހިންމު ތެޔޮ މަގު، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އީރާނާއި އޯމާނުން ކުރަމުންދާ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބި، އެއްބަސްވުމަކަށް އާދެވުމާ ވަރަށް ކައިރިވެއްޖެއެވެ.

އީރާނުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ނުކުރި ނަމަވެސް، މެދުވެރިއެއްގެ ގޮތުން އޯމާނުން ދަނީ ދެފަރާތުގެ މެދުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ހޯރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ސަރަހައްދީ އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ ހޯރްމުޒް ކަނޑުއޮޅީގެ މައްސަލައަށް ހައްލެއް ލިބޭނެކަމުގެ ނިޝާންތައް ފެންނަން ފެށުމާއެކު، ދުނިޔޭގެ ބާޒާރުގައި ސާމް ތެލުގެ އަގުތައް ވަނީ ދަށަށް ދާން ފަށާފައެވެ.

މި އެއްބަސްވުން ގާއިމުކުރެވިއްޖެނަމަ، މެދުއިރުމަތީގެ ސަރަހައްދީ ނުތަނަވަސްކަން ކުޑަވެ، ބައިނަލްއަގުވާމީ އިގްތިސާދަށާއި ވިޔަފާރި ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް