މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ޚިދުމަތް ކުރެއްވުމަށް، މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީނު ފުރިހަމަކުރައްވައި ގުޅިވަޑައިގެންފައިވާ ކަމަށް އެ ގްރޫޕުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޙަލީމް ވިދާޅުވީ، އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުވާ ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނެއެވެ. މީގެއިތުރުން ކަށީގެ ބަލިތަކާއި، އެތެރެހަށީގެ ބަލިތައް، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީއެންޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުންވެސް އިތުރު ޑޮކްޓަރުން ވަނީ ޚިދުމަތާ ގުޅިވަޑައިގެންފައެވެ.
ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރާ އެއްގޮތަށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީއާއި، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފްކުރުމާއެކު، ހިތާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމުގެ ޒަމާނީ ޚިދުމަތްތައް މިއަހަރު ފެށޭނެކަމަށްވެސް ޙަލީމް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްތަކުގެ ހުރިހާ މުވައްޒަފުންވެސް އާންމުންނަށް ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.



