"ނިއުކްލިއިކް އެސިޑް ޓެސްޓިންގ" ރާއްޖޭގައި ހަދަން ފެށުން

ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ހަދިޔާކުރާ ލޭގައި ހުރެދާނެ އެޗްއައިވީ، ހެޕަޓިޓިސް ބީ އަދި ހެޕަޓިޓިސް ސީ ފަދަ ބަލިތައް އާދައިގެ ޓެސްޓުތަކަށްވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާއެކު ދެނެގަނެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ "ނިއުކްލިއިކް އެސިޑް ޓެސްޓިންގ" (އެންއޭޓީ) ގެ ޚިދުމަތް ރާއްޖޭގައި ހަދަން ފަށައިފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ލޭގެ ޚިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ގެންދިއުމަށް އެޅުނު މުހިންމު ޤައުމީ އަދި ތާރީޚީ ފިޔަވަޅެއް ކަމަށެވެ. އަދި މި ޚިދުމަތަކީ ސިއްޙީ ދާއިރާ ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ފެށިގެންދިޔަ ޚިދުމަތެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޙަލީމް އިތުރަށް ވިދާޅުވީ، މިއީ ލޭގެ ޚިދުމަތުގެ ޤައުމީ މިންގަނޑުތަކާއި "މޯލްޑިވްސް ތެލަސޭމިއާ މާސްޓަރ ޕްލޭން 2024–2034" ގައި ކަނޑައެޅިފައިވާ އިސްތިރާޖީ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް