މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމަކީ މުޖުތަމަޢުގެ ކުރިއެރުމުގެ އަސާސް: ހުކުރު ޚުޠުބާ

މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، ޤައުމީ ތަރައްޤީއާއި ފާގަތިކަން ދެމެހެއްޓުމަށްޓަކައި އެކަކު އަނެކަކަށް ޒިންމާދާރުވެ، އެމީހަކާ ޙަވާލުވެވިފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފިއެވެ.

ޚުޠުބާގައި ބަޔާންކުރި ގޮތުގައި ކޮންމެ އިންސާނަކީވެސް އެމީހެއްގެ ފަރުދީ، ޢާއިލީ އަދި އިޖުތިމާޢީ ދާއިރާގައި ބެލެހެއްޓުންތެރިއެކެވެ. ވަޒީފާއާއި މަސްއޫލިއްޔަތުތަކަކީ އަމާނާތެއްގެ ގޮތުގައި ދެކެ، ޢަދުލުވެރިކަމާއެކު އެ ކަންކަން އަދާކުރުމަކީ އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރުއަޅުއްވާފައިވާ އެއް ކަންތައް ކަމުގައި ޚުޠުބާގައި ފާހަގަކުރިއެވެ.  

މަސްއޫލިއްޔަތު އަދާކުރުމާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ:

"ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިއެކެވެ. އަދި އެމީހަކު ބަލަހައްޓަންޖެހޭ ތަކެއްޗާމެދު (އަދި މީހުންނާމެދު) ސުވާލުވެވޭނެއެވެ. ވެރިމީހާއަކީ ބެލެހެއްޓުންތެރިއެކެވެ. އޭނާގެ ރައްޔިތުންނާ މެދު އޭނާއާ ސުވާލުވެވޭނެއެވެ. ފިރިމީހާއަކީ އޭނާގެ އަހުލުވެރީންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ އަހުލުވެރީންނާ މެދު އޭނާއާ ސުވާލުވެވޭނެއެވެ. އަނބިމީހާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އެގޭގެ ކަންކަމާމެދު އޭނާއާ ސުވާލުވެވޭނެއެވެ." (ޞަޙީޙު އަލްބުޚާރީ އަދި މުސްލިމް).  

މީގެއިތުރުން، ޤިޔާމަތް ދުވަހުން އިންސާނާގެ ޢުމުރާއި މާލީ ކަންކަމާމެދު ސުވާލުވެވޭނެކަން ހަނދާންކޮށްދެއްވަމުން، ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ:

"ޤިޔާމަތް ދުވަހުން އަޅާގެ ފައިތިލަ ހުރިތަނުން ގުޑުވައިވެސް ނުލެވޭނެއެވެ؛ އޭނާގެ ޢުމުރު ހޭދަކުރީ ކޮންކަމެއްގައިތޯއާއި، އޭނާގެ ޢިލްމަށް ޢަމަލުކުރީ ކިހިނެއްތޯއާއި، އޭނާގެ މުދާ ހޯދީ ކޮންގޮތަކުން ކޮންތާކުންތޯއާއި ހޭދަކުރީ ކޮންކަމެއްގައިތޯއާއި، އަދި އޭނާގެ ހަށިގަނޑުގެ ހަކަތަ ހޭދަކުރީ ކޮންކަމެއްގައިތޯ ސުވާލުވެވޭންދެނެވެ." (ސުނަން އަލްތިރްމިޛީ).  

ޚުޠުބާ ނިންމާލަމުން ގޮވާލާފައިވަނީ، ޤައުމުގެ އެކުވެރިކަމާއި ތަރައްޤީ ދެމެހެއްޓުމަށްޓަކައި ޢަދުލުއިންޞާފު ޤާއިމުކޮށް، އަމާނާތްތެރިކަމާއެކު އެންމެހައި ޒިންމާތައް އަދާކުރުމުގައި ސާބިތުވެ ތިބުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް