މި އަހަރުގެ ނިޔަލަށް ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުނުކޮށްފިނަމަ، އިނގިރޭސިވިލާތާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައި ދައުވާކުރަން ތައްޔާރަށް އޮތް ކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލަމް ވިދާޅުވެއްޖެއެވެ.
މޮރިޝަސްގެ ގާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރާމްގޫލަމް ވިދާޅުވީ، ޗާގޯސްގެ މައްސަލަ ދިގުލައިގެންދާތީ އިނގިރޭސި ސަރުކާރާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. ލަންޑަނުގައި ތިއްބަވާ ބައިނަލްއަގްވާމީ ގާނޫނީ މާހިރުންގެ ޓީމަކާ މަޝްވަރާކުރައްވައި، މޮރިޝަސްއަށް ލިބެންހުރި ހުރިހާ ގާނޫނީ ފުރުސަތުތަކެއް ދިރާސާކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މަޝްވަރާ އާއި ޑިޕްލޮމެސީގެ ތެރެއިން މި މައްސަލަ ހައްލުކުރުމަށް މޮރިޝަސް އިން އަދިވެސް އޮތީ ހުޅުވިފައި. ނަމަވެސް، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ބޭނުންވެއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޮރިޝަސް އޮތީ ތައްޔާރަށް،" ރާމްގޫލަމް ވިދާޅުވިއެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން ތަންފީޒުކުރުން މަޑުޖެހިފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ފިއްތުންތަކާ ހެދިއެވެ. ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަށް އެ އެއްބަސްވުމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބުނެ، އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މަހުގެ ކުރީކޮޅު އެންޓީގުއާގައި ބޭއްވި ކޮމަންވެލްތު ސަމިޓުގެ ހަވާސާގައި ދެ ޤައުމުގެ އިސްވެރިން ބައްދަލުކުރުމަށްފަހު، އަހަރު ނިމުމުގެ ކުރިން މި މައްސަލައިގައި ކުރިއެރުމެއް ހޯދުމަށް އެއްބަސްވެފައިވެއެވެ. ނަމަވެސް، އިނގިރޭސި ސަރުކާރުން މިހާރު މަސައްކަތްކުރަމުން ދަނީ އެމެރިކާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށެވެ.
މި މައްސަލައިގައި އިނގިރޭސިވިލާތުގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން ވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތަކަށް އިނގިރޭސި ސަރުކާރުން ދޫދީގެން ނުވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
ޗާގޯސްގެ މައްސަލައާ ގުޅިގެން، މޮރިޝަސްއިން ވަނީ ދިވެހިރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލާފައެވެ. ދެ ޤައުމުގެ ކަނޑުގެ ސަރަހައްދު ބެހުމުގައި އިޓްލޮސްއިން ނިންމި ނިންމުމާއެކު، ރާއްޖެއަށް 47,232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45,331 އަކަކިލޯމީޓަރު ވަނީ ކަނޑައެޅިފައެވެ.





