ބޭރުގެ އޭޖެންސީތަކާއި ބުކިންގ ހިދުމަތްތަކުން ޖީއެސްޓީ ނެގުން ހުއްޓުވުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ބޭރުގެ އޭޖެންސީތަކާއި ބުކިންގ ހިދުމަތްދޭ ފަރާތްތަކުން ޖީއެސްޓީ ނެގުން ހުއްޓުވުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި 9 ވަނަ އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، ނޮވެންބަރު 17 ވީ އަންގާރަ ދުވަހު ބޭއްވި، 20 ވަނަ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާގައެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ތެރޭގައި ހިމެނިގެން، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަށާއި، އެފަދަ ޕްރޮޑަކްޓަކާ ގުޅޭގޮތުން ދޭ އޭޖެންސީ ހިދުމަތަށް ނުވަތަ ބުކިންގ ހިދުމަތަށް 1 އޮކްޓޫބަރު 2026 އިން ފެށިގެން ނަގަމުން އައި ޖީއެސްޓީ ނެގުން ހުއްޓުވުމެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ފެށުމާ ގުޅިގެން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން، ޖީއެސްޓީ ދެއްކުމުން އެއްކިބާވާ ފަރާތްތަކާމެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް ވެސް މި އިސްލާހުގެ ދަށުން އިތުރަށް ހަރުދަނާކޮށްފައިވެއެވެ.

ރައީސް ތަސްދީގުކުރެއްވުމާއެކު، މި ބިލު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އެ އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް