އާތިން ނަރުތަކަށް ގެއްލުންވެގެން ކަރަންޓު ކެނޑުނު އަމާން އުދަރެސް ޓަވަރުގެ ޔުނިޓްތަކަށް އަލުން ކަރަންޓު ދީފި

ހުޅުމާލޭގައި ހުންނަ އަމާން އުދަރެސްގެ 2 ވަނަ ޓަވަރުގެ ބައެއް ޔުނިޓްތަކުން އިއްޔެ ކަރަންޓު ކެނޑުނީ އާތިން ނަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި، މިހާރު އެ ޔުނިޓްތަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މައްސަލަ އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައުމާއެކު ކުރި ތަހުގީގުން ހާމަވީ، އާތިން ނަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ގިނަ އަދަދެއްގެ އީއެލްސީބީތަކަށް ގެއްލުން ލިބިފައިވާ ކަމެވެ. ގެއްލުންވި އީއެލްސީބީތައް ބަދަލުކޮށްފައިވާ ކަމަށް ވެސް އެފްޑީސީން ބުނެއެވެ.

މިހާރު ކުރިއަށްދަނީ މައްސަލަ ޖެހިފައިވާ އާތިން ނިޒާމު މަރާމާތުކޮށް ބަދަލުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ކަރަންޓަށް ބުރޫއެރުމުގެ ފުރުސަތު އޮތުމާއެކު، ޓަވަރުގައި ދިރިއުޅުއްވާ އެންމެހައި ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ މައްސަލަ ތަކުރާރުނުވުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށާއި، އިތުރު މައްސަލައެއް ފާހަގަކުރެވޭ ޔުނިޓްތަކަށް މެދުނުކެނޑި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެފްޑީސީން ބުނެފައިވެއެވެ. އަދި އެއްވެސް ޔުނިޓަކުން މިކަމާ ގުޅޭ އިތުރު މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، ވީއެންމެ އަވަހަކަށް އެ ކޯޕަރޭޝަނަށް އެކަން އެންގުމަށް އެދިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް