ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުން ކަމަށާއި، ރައްޔިތުން ވާންޖެހޭނީ ޤައުމަށް ހުރުމަތްތެރިކޮށް ހިތާ ރިވެތި އަޚްލާޤެއްގެ ބަޔަކަށް ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އަމިއްލަވަންތަކަމާއި ކަރާމާތާއި މިނިވަންކަމާއެކު ބަސް ބުނުމުގެ ޙައްޤު ޔަޤީންކޮށްދީ، ކޮންމެ މީހެއްގެ އަބުރާއި ކަރާމާތް ރައްކާތެރިކުރެވި، ވެރިކަމުގައި ރައްޔިތުން ބައިވެރިކުރެވޭ ނިޒާމެއް ކަމަށް ހީނާ ވިދާޅުވިއެވެ.
ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު ފައިދާއަކީ ވެރިކަން ހިންގުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ބައިވެރިވެވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތާރީޚަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހީންނަކީ ޤަދީމީ އަދި ހައިބަވަންތަ ވެރިކަމެއްގެ މަތީގައި ތިބި ބައެއްކަން ތާރީޚުން ހާމަވާ ކަމަށެވެ. ޤަދީމީ ޒަމާނުން ފެށިގެން 1953 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އޮތީ ރަސްކަމެއް ކަމަށްވެސް ހީނާ ފާހަގަކުރެއްވިއެވެ.
"ދަންނަވަން ޖެހޭނީ ޖުމްހޫރީ ފިކުރަކީ ދިވެހިންގެ ތެރެއަށް ވަރަށް ފަހުގެ ޒަމާނެއްގައި ތައާރަފުވި ފިކުރެއް ކަމުގައިވިޔަސް ދިވެހިންގެ ތެރޭގައި އޮތް ވެރިކަމަކީ ޖުމްހޫރީ ވަރަށް ގިނަ ސިފަތައް އެކުލެވިފައި އޮތް ވެރިކަމެއް ކަމުގައި. މިއީވެސް ޤައުމެއްގެ ގޮތުން އަޅުގަނޑުމެންނަށް ލިބިފައިވާ ފަޚުރެއް އަދި ޝަރަފެއް،" ހީނާ ވިދާޅުވިއެވެ.
އެކަކު އަނެކަކަށް އިޙްތިރާމްކޮށް ޤަދަރުކުރަން ދަންނަ ބަޔަކަށް ދިވެހީން ވާންޖެހޭނެ ކަމަށާއި، ޤައުމަށް ހުރުމަތްތެރިކޮށް ހިތުމަށާއި އިޚްލާޞްތެރިކަން އިސްކުރުމަށް ކާބަފައިން ގޮވާލާފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ. އެހެންކަމުން، ކާބަފައިން ދެއްވި އެފަދަ އިލްތިމާސްތަކާ މެދު ވިސްނުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.





