ރާއްޖެއަށް ސުނާމީއެއް އަރާނެ ކަމަށް ދައުރުވާ މެސެޖަކީ ދޮގު މެސެޖެއް ކަމަށް އެންޑީއެމްއޭއިން ބުނެފި

ރާއްޖެއަށް ސުނާމީއެއް އަރާނެ ކަމުގެ އިންޒާރެއް ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖަކީ ޙަޤީޤަތެއް ނެތް ދޮގު މެސެޖެއް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެންޑީއެމްއޭއިން ބުނީ، އެ އޮތޯރިޓީގެ ނަމުގައި ދައުރުވަމުން އަންނަ މެސެޖަކީ އެއްވެސް އަސްލެއް ނެތް މެސެޖެއް ކަމަށާއި، ކާރިސާތަކާ ގުޅޭ އެންމެހައި މައުލޫމާތާއި އިރުޝާދުތައް އާންމުންނާ ހިއްސާކުރަމުން ގެންދާނީ އޮތޯރިޓީގެ ރަސްމީ މަންސަތަކުން އެކަނި ކަމަށެވެ.

"މި އޮތޯރިޓީގެ ނަމުގައި ދައުރުވަމުން އަންނަ މި މެސެޖަކީ ހަޤީގީ މެސެޖެއް ނޫންކަމުގައި ދަންނަވަމެވެ. މި އޮތޯރިޓީއިން ޢާއްމުންނާ ޙިއްސާކުރާ މަޢުލޫމާތާއި އިރުޝާދު ދެމުންގެންދާނީ މި އޮތޯރިޓީގެ ރަސްމީ މަންސަތަކުންނެވެ. މިކަން ހުރިހާ ފަރާތްތަކުންވެސް ކަށަވަރުކުރުމަށް އެދެމެވެ،" އެންޑީއެމްއޭގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ގުދުރަތީ ކާރިސާތައް ފަދަ އާންމު ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ހައްސާސް ކަންކަމުގައި ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށާއި، މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް