އިންޓްރެސްޓުން ކުރާ އުނިކުރުންތައް މަދުކުރާ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މާލީ އިދާރާއަކަށް ދަރަންޏާ ގުޅިގެން ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތްތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ އުނިކުރުންތައް މަދުކުރުމަށް، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި ތިން ވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި އިޞްލާޙުގައި އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާގެ 30 އިންސައްތައިން 25 އިންސައްތައަށް ކުޑަކުރުންވެސް ހިމެނެއެވެ. މި އުސޫލުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ 2027 ވަނަ ޓެކްސް އަހަރާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ.

މި ޤާނޫނު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. ނަމަވެސް، އެ އިޞްލާޙަށް ޢަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ.

ރައީސް މިއަދު ތަޞްދީޤުކުރެއްވި ޓެކުހާ ގުޅޭ ތިން ބިލުގެ ތެރޭގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި ފަސް ވަނަ އިޞްލާޙުވެސް ހިމެނެއެވެ. އެ އިޞްލާޙާއެކު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާ ޓެކުހުގެ އަދަދަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މައްސަލަ އިސްތިއުނާފުކުރެވޭނީ، އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން 50 އިންސައްތަ މީރާއަށް ދައްކައި ޚަލާޞްކުރުމަށްފަހުގައެވެ. އެ ޤާނޫނަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.

ތިން ވަނަ ބިލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 9 ވަނަ އިޞްލާޙެވެ.

މި ތިން ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 17 ނޮވެމްބަރު ވީ އަންގާރަ ދުވަހު ބޭއްވި، މިއަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް