ދީނާއި ދިވެހިބަހުގެ ދާއިރާއިން ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ޑރ. ރަޝީދާއި އައްބާސްއަށް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށާއި، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު އައްބާސް އިބްރާހީމަށް މިރޭ އަރުވައިފިއެވެ.

އެ ދެ ބޭފުޅުންނަށް ޝަރަފު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ސަރުކާރަށް ޚިދުމަތްކުރައްވަން ޑރ. ރަޝީދު ފެށްޓެވީ 1981 ވަނަ އަހަރުގެ ފެބްރުއަރީ 8 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުންނެވެ. އެއަށްފަހު، އެ އޮފީހުގެ ޚާއްޞަ ވަކީލުކަމާއި، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މުދީރުކަން ވެސް އެމަނިކުފާނު ކުރެއްވިއެވެ.

އަދި ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި، އިސްލާމިކް މިނިސްޓަރުގެ މުޝީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ޑރ. ރަޝީދު ވަނީ ކުރައްވާފައެވެ. ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރުމަށް އުފެއްދެވި ކޮމިޓީގައި ވެސް އެމަނިކުފާނު މަސައްކަތްކުރެއްވިއެވެ.

1979 ވަނަ އަހަރުން ފެށިގެން "އާފަތިސް" ނޫސް ނެރުއްވި އައްބާސް، 1996 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ދިވެހި ބަސްފޮތް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް އިސްނަންގަވައިގެން ކުރެއްވިއެވެ.

މިހާރު ދިވެހި ލިޔުންތެރިންގެ ޖަމްޢިއްޔާގެ ރައީސްކަމާއި ދިވެހިބަހުގެ އެކެޑަމީގެ ގަވާއިދު ކޮމިޓީގެ ރައީސްކަން ކުރައްވަމުން ގެންދަވާ އައްބާސްއަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަގަބު ވެސް ވަނީ ލިބިވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް