އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މެޑިކަލް ޓީމާ ރާއްޖޭގެ ފުރަތަމަ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސްޕެޝަލިސްޓް ޑޮކްޓަރު މައީޝާ ޞާލިޙް ގުޅިވަޑައިގެންފިއެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށާއި، ހާއްސަކޮށް ނާރުގެ ބަލިތަކަށް ފަރުވާދިނުމުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޑޮކްޓަރު މައީޝާ އައިޖީއެމްއެޗާ ގުޅިވަޑައިގަތުމާ ގުޅިގެން އެ ހޮސްޕިޓަލުން ބުނީ، މިއީ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ބަލިމީހުންނަށް ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އިތުރުވުމެއް ކަމަށެވެ. މީގެ ކުރިންވެސް އައިޖީއެމްއެޗްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާފައިވާ ޑޮކްޓަރު މައީޝާއަކީ މި ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ގާބިލު ބޭފުޅެކެވެ.
ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީއަކީ ސިކުނޑިއާއި ބުރަކަށީގެ ނާރުތަކާއި ލޭހޮޅިތަކަށް ދިމާވާ މައްސަލަތައް، ބޮޑު އޮޕަރޭޝަނެއް ކުރުމަކާ ނުލައި ދެނެގަނެ ފަރުވާދިނުމަށް ހާއްސަ ދާއިރާއެކެވެ. މި ދާއިރާގައި ފަރުވާދެނީ އެކްސްރޭ، ސީޓީ ސްކޭން އަދި އެމްއާރްއައި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ހަށިގަނޑުގެ އެތެރެ ބަލަމުން، ވަރަށް ހިމަ ލޭހޮޅިއެއްގެ ތެރެއިން ކެތީޓާއެއް ފޮނުވައިގެންނެވެ.
މި ހިދުމަތުގެ ސަބަބުން ސްޓްރޯކް ޖެހުމާއި، ސިކުނޑީގެ ލޭހޮޅިތައް ފުއްޕުމާއި، ލޭހޮޅިތަކުގެ އާދަޔާހިލާފު ގުޅުންތައް ފަދަ ނުރައްކާތެރި މައްސަލަތަކަށް އަތުގެ ނުވަތަ ފައިގެ ލޭހޮޅިއެއް މެދުވެރިކޮށް ސީދާ ފަރުވާ ދެވޭނެއެވެ. މީގެ ސަބަބުން ބޮޑެތި އޮޕަރޭޝަންތައް ކުރަން ނުޖެހި، ބަލިމީހާ އާންމު ހާލަތަށް ރުޖޫއަވުމަށް ނަގާ ވަގުތު އަވަސްވެ، ދިމާވެދާނެ ނުރައްކާތައް ކުޑަވެގެންދާނެއެވެ.
މިފަދަ ހާއްސަ ފަރުވާތައް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ، ކުއްލި ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ. އަދި މީގެ ކުރިން ބޮޑެތި ހަރަދުތައް ކޮށްގެން ރާއްޖެއިން ބޭރަށް ގޮސްގެން ހޯދަންޖެހުނު ފަރުވާތައް، އަމިއްލަ ގައުމުގައި ތިބެގެން ހޯދުމުގެ ފުރުސަތު ފަހިވުމަކީ އާންމު ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.



