ސަރުކާރު ހޮސްޕިޓަލުތަކުން 23،000 އަށްވުރެ ގިނަ އައިނު ދޫކޮށްފި

ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ނަންބަރު އައިނު ހެއްދޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ޚާއްޞަ މަޝްރޫޢުގެ ދަށުން، ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ޤާއިމުކޮށްފައިވާ އައިނު ފިހާރަތައް މެދުވެރިކޮށް މިހާތަނަށް 23،000 އަށްވުރެ ގިނަ އައިނު އާންމުންނަށް ދޫކޮށްފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، "އެމްސީޖީއެޗް އޮޕްޓިކަލްސް" މެދުވެރިކޮށް މިހާތަނަށް ޖުމްލަ 23,847 އައިނު ހެއްދުމަށް އޯޑަރު ލިބިފައިވެއެވެ. އަދި އޭގެ ތެރެއިން ބޮޑުބައެއްގެ މަސައްކަތް ނިންމައި، މިހާރު ވަނީ ވެރިންނާ ހަވާލުކުރެވިފައެވެ.

އެކި ހޮސްޕިޓަލްތަކުން ޚިދުމަތް ދެވިފައިވާ މިންވަރު:

  • އައިޖީއެމްއެޗް: 13,595 އޯޑަރު ލިބިފައިވާއިރު، 12,507 އައިނު ވަނީ ދޫކޮށްފައެވެ. (މި ހޮސްޕިޓަލުގައި ޚިދުމަތް ފެށީ 28 ޖުލައި 2025 ގައެވެ.)

  • ހުޅުމާލެ ހޮސްޕިޓަލް: 8,934 އޯޑަރުގެ ތެރެއިން 8,247 އައިނު ވަނީ ދޫކޮށްފައެވެ. (ޚިދުމަތް ފެށީ 27 އޮގަސްޓް 2025 ގައެވެ.)

  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް: 2,096 އޯޑަރު ލިބި، 1,746 އައިނު ވަނީ ނިންމައި ދޫކޮށްފައެވެ.

  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް: 1,650 އޯޑަރުގެ ތެރެއިން 1,347 އައިނު ވަނީ ހަވާލުކޮށްފައެވެ.

މީގެކުރިން ނަންބަރު އައިނު ހެއްދުމަކީ އާންމު ރައްޔިތުންގެ ޖީބުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށްވީ ނަމަވެސް، ރައްޔިތުންގެ މާލީ ބުރަ ކުޑަކުރުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދޫކުރާ އެހީ 1,000 ރުފިޔާއިން 2,000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މި ޚިދުމަތް އިތުރަށް ފުޅާކޮށް، އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ގޮތުން، މިއަހަރުގެ ޖެނުއަރީ 15 އިން ފެށިގެން އަމިއްލަ 18 ތަނަކުން އާސަންދައިގެ ދަށުން އައިނު ހެއްދޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އޭގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި، އައިކެއާގެ ބްރާންޗުތަކުގެ އިތުރުން މާލޭގެ މަޝްހޫރު އޮޕްޓިކަލް ފިހާރަތައް ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ މި ބަދަލުތަކާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު، އަދި އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިވެ، ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެގެން ދިއުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް