އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި ކުރިމަތިލުންތަކަށް ލުޔެއް ހޯދުމަށް އެކުލަވައިލާ ވަގުތީ އެއްބަސްވުމެއްގެ މަސައްކަތް އެންމެ ފަހުގެ މަރުހަލާއަށް ދަތުރުކުރަމުންދާކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގޮތުން ބޮޑެތި އެއްބަސްވުންތަކަކަށް ވަނީ އާދެވިފައެވެ. މިހާރު މަޝްވަރާތައް ކުރިއަށްދަނީ ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކުރުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭނެ ތާވަލެއް އެކުލަވައިލުން ފަދަ ފަންނީ ކަންކަމާ ގުޅޭގޮތުންނެވެ.
މި އެއްބަސްވުމުގެ ދަށުން މިހާރު އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމާއި، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް ފިޔަވަޅުތަކެއް އެޅުމުގެ އިތުރުން، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ އިތުރު މަޝްވަރާތައް ފެށުން ހިމެނޭނެ ކަމަށް ބެލެވެއެވެ. މީގެ ބަދަލެއްގެ ގޮތުން، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ހިފަހައްޓާފައިވާ މާލީ މިލްކިއްޔާތުތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމަކީ މަޝްވަރާގެ މައިގަނޑު ޕޮއިންޓްތަކެވެ.
އެމެރިކާގެ އޮފިޝަލުން މިކަމުގައި އުންމީދީ ރޫހެއްގައި ތިއްބެވި ނަމަވެސް، އީރާނުގެ ސަރުކާރުން ބުނަމުންދަނީ އަދި ވަކި ގޮތަކަށް ނިންމާފައި ނުވާ ކަމަށާއި، ހައްލުނުވެ ހުރި މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އިރާނުން ބުނާގޮތުގައި އެ ގައުމުގެ އ ޑިމާންޑްތަކުގައި ދޫނުދޭނެ ކަމަށާއި، ކޮންމެ އެއްބަސްވުމަކީވެސް ގައުމުގެ މަސްލަހަތު ހިމާޔަތްކުރެވޭނެ އެއްބަސްވުމަކަށް ވާންޖެހޭނެއެވެ.
މި އެއްބަސްވުމުގެ ހަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ދަށަށް ދާން ފަށާފައެވެ. އެއީ ހޯރްމުޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރުމާއި ދަތުރުފަތުރުގެ ކަންކަން އަވަސް މުސްތަގުބަލެއްގައި އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް ބެލެވޭތީއެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި، މި ވަގުތީ އެއްބަސްވުން ކާމިޔާބުވެއްޖެނަމަ، މުޅި މެދުއިރުމަތީގެ ހަމަޖެހުމަށް މަގުފަހިވެ، އިތުރު ފުޅާ މަޝްވަރާތަކަކަށް ދޮރު ހުޅުވިގެންދާނެއެވެ.



