ރާއްޖެ ހަލަބޮލިކުރަން ކުރާ މަސައްކަތްތަކަށް ފުރުސަތު ނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި

އއ. އުކުޅަހުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެ ހަލަބޮލިކުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކަށް ފުރުސަތު ނުދެއްވުމަށާއި އެފަދަ ކަންކަމަށް ހުރިހާ ރައްޔިތުން ފާރަވެރިވުމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

މިއީ މާލެއިން ބޭރުގައި އެ ޕާޓީން ބޭއްވި ފުރަތަމަ ހަރުގެ ޖަލްސާއެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ، ދިވެހިންނަކީ ތައުލީމީ އަދި ލޯހުޅުވިފައިވާ ބަޔަކަށްވާއިރު، ގައުމުގެ ހަމަޖެހުން ނަގާލަން ދެކެވޭ ސިޔާސީ ވާހަކަތަކުގެ އޮއިވަރުގައި ނުޖެހި، އަމިއްލަ ބުއްދިއާއި ސިކުނޑީގެ ބޭނުންކޮށްގެން ގޮތް ނިންމުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސިޔާސީ ނުބައި އޮއިވަރުތަކަށް ދީލާލައިފިނަމަ، ގައުމަށް ގެނެސްދީފައިވާ ސިޔާސީ ހަމަޖެހުން އިސާހިތަކު ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ހަމަޖެހުން ގާއިމުކުރުމަކީ އެމަނިކުފާނުގެ މުހިންމު ވައުދުފުޅެކެވެ. އެގޮތުން މިހާރު ރާއްޖެއަކީ ބަދަލުހިފުމުގެ ރޫހެއް ނެތް، ސިޔާސީ ހަމަޖެހުން އޮތް ގައުމެއްކަން ފާހަގަކުރައްވައި، އަސާސެއް ނެތް ދޮގު މައުލޫމާތު ފެތުރެމުންދާ މި ދުވަސްވަރު، ސިޔާސީ ވެރިން ދައްކަވާ ވާހަކަތަކާމެދު ރައްޔިތުން ފުންކޮށް ވިސްނުމަށް އެދިވަޑައިގަތެވެ. ހާއްސަކޮށް، ޒުވާނުން ނުރަނގަޅު މަގު އިހްތިޔާރު ނުކުރުމަށާއި، އިސްރަށްވެހިން ޒުވާނުންނަށް ހަގީގީ މައުލޫމާތު ފޯރުކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ އިގްތިސާދާއި އިޖުތިމާއީ ފޭރާން އޮތީ ވަރަށް ބޮޑަށް ހަލާކުވެ، މަޝްރޫއުތައް ހުއްޓިފައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި އެކަންކަމަށް ބޮޑެތި އެދެވޭ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އަދި ގައުމު އަލުން އަނދަވަޅަކަށް ވައްޓާލަން ފުރުސަތު ނުދެއްވުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވަމުން، ގައުމުގެ ތަރައްގީއާއި ހަމަޖެހުން ކަށަވަރުކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް