އީރާނުގެ ގޭޝްމް އައިލެންޑާއި ސިރީކްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، ގޯރޫކް އަދި ގޭޝްމް އައިލެންޑުގައި ހުރި އީރާނުގެ ރާޑަރު ސިސްޓަމްތަކަށް ހަމަލާދިނީ އިތުރު ހަމަލާތަކަކުން ދިފާއުވުމުގެ ގޮތުންނެވެ. އަދި އީރާނުން ކުރިމަތިކުރާ އެއްވެސް އުދުވާނަކަށް ރައްދު ދިނުމަށް އެމެރިކާގެ ސިފައިން ތިބީ ތައްޔާރަށް ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.
މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ކުވޭތުގައި ހުރި އެމެރިކާގެ ދެ ވައިގެ މަރުކަޒަކަށާއި، ބަހްރޭންގައި އޮންނަ އެމެރިކާގެ ފިފްތު ފްލީޓްގެ މުހިންމު ތަންތަނަށް ބެލިސްޓިކް މިސައިލުން ހަމަލާދީފައެވެ. ދެ ގައުމުން ވެސް ބުނެފައިވަނީ އަމާޒުވި ހަމަލާތައް ދިފާއީ ނިޒާމުތަކުން ހުއްޓުވާފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މީގެ ކުރިން ވެސް އީރާނުން ވަނީ ކުވޭތާއި ބަހްރޭންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ. އެމެރިކާއިން ބުނާ ގޮތުގައި އެ ހަމަލާތަކުގެ ތެރެއިން ގިނަ މިސައިލްތައް ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައެވެ. ނަމަވެސް، އެ ފަހަރު ފޮނުވާލި ޑްރޯންތަކުގެ ތެރެއިން އެއް ޑްރޯން ކުވޭތުގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލަކަށް އަރައި، އެކަކު މަރުވެފައިވެއެވެ.
ގޭޝްމް އައިލެންޑަކީ އީރާނުގެ ދެކުނު އައްސޭރީގައި، ޕާޝިއަން ގަލްފަށް ވަދެވޭ ގޮތަށް އޮންނަ ހޯމޫޒް ކަނޑުއޮޅި ކައިރީގައި އޮންނަ މުހިންމު ރަށެކެވެ. ތެލާއި ގޭސް އުފުލާ މި މުހިންމު ކަނޑުގެ ސަރަހައްދުގައި އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން، ދަތުރުފަތުރު ކުރުމަށް މިހާރު ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މިގޮތުން އެމެރިކާއާ ގުޅުންހުރި އުޅަނދުތަކަށް އީރާނުން އިންޒާރު ދެމުންދާއިރު، އެމެރިކާއިން ވެސް ދަނީ އީރާނާ ގުޅުންހުރި އުޅަނދުތަކަށް އަމާޒުކުރަމުންނެވެ.



