ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ސަމިޓް (ކޮޕް31) ގައި، ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމާ މެދު ޤައުމުތަކުގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި، ސަމިޓު ނިންމަން ކަނޑައެޅި މުއްދަތު ހަމަވި ނަމަވެސް މަޝްވަރާތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.
މުޅި ރޭގަނޑު ދެމިގެންދިޔަ މި މަޝްވަރާތައް ކުރިއަށް ނުދިޔައީ، ކޯލް، ތެޔޮ އަދި ގޭސް ބޭނުންކުރާ މިންވަރު މަދުކުރުމާ ގުޅޭ ގޮތުން ޤައުމުތަކުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ.
ފޮސިލް ފިއުލްގެ އިތުރުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދޭ މޫސުމީ މާލީ އެހީތެރިކަމާއި، ގެއްލުމާއި ގެއްލުމުގެ ބަދަލު (ލޮސް އެންޑް ޑެމޭޖް) ގެ މައްސަލައިގައި ވެސް ޤައުމުތަކުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ގިނަ ޤައުމުތަކުގެ މަންދޫބުން ދަނީ ރެޔާއި ދުވާލު ހުއްޓުމެއް ނެތި އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރަމުންނެވެ. ހުރިހާ ޤައުމަކަށް ވެސް އެއްބަސްވެވޭނެ ފަދަ އާ ޑްރާފްޓެއް ނެރުމަށް މިހާރު ދަނީ އެންމެ ފަހުގެ ލިޔުމަށް އިސްލާހުތައް ގެނެވެމުންނެވެ.
ސަރުކާރުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ ވަފުދުން ދަނީ ތިމާވެށީގެ ނުރައްކާތަކާ އެންމެ ބޮޑަށް ކުރިމަތިލާންޖެހިފައިވާ ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުގައި އަޑުއުފުލައި، ރާއްޖެއިން އިސްކަންދޭ ސިޔާސަތުތައް ދިފާއުކުރުމަށް މަސައްކަތްކުރަމުންނެވެ.
ހުރިހާ ފަރާތްތަކަށް ބަލައިގަނެވޭނެ ފަދަ އިންސާފުވެރި އަދި ވަރުގަދަ އެއްބަސްވުމަކަށް ވާސިލުވުމަށް ރާއްޖެއިން ދަނީ އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރަމުންނެވެ. މޫސުމީ ކާރިސާއިން ދުނިޔެ ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތައް އެޅުމާއި، ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކުރުމަކީ މި ސަމިޓުން ނެރެންޖެހޭ އެންމެ މުހިންމު ނަތީޖާ ކަމުގައި ރާއްޖޭގެ ވަފުދުން ފާހަގަކުރެއެވެ.





