ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް، އާދީއްތަ ދުވަހު މެންދުރުފަހު އިއްވުމަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.
ޝާހިދު ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ. މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްފަހު، ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.
ހައިކޯޓުގެ ޝެޑިއުލުން ދައްކާ ގޮތުގައި، މި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ކުރިއަށްދާނީ އާދީއްތަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތްޕުޅުން ހުށަހެޅި މި މައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ ހަފުތާގައި ނިންމާލާފައެވެ. އެ އަޑުއެހުންތަކަށް ޝާހިދު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އާންމު އުސޫލުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމުން، މި މައްސަލައިގެ އަޑުއެހުންތައް ވެސް ހައިކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ވެސް ކުރައްވާފައިވާ 64 އަހަރުގެ ޝާހިދު ވަނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމާ ގުޅިގެން، އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ މަގްސަދެއްގައި ކުރާ ދޮގު ތުހުމަތުތަކެއް ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ސަރުކާރުން ބުނެފައިވަނީ، ޝާހިދު ހައްޔަރުކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، މިފަދަ ސީރިއަސް މައްސަލަތަކުގައި ހުރިހާ އެންމެންގެ މައްޗަށް ވެސް ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރާނެ ކަމަށެވެ.





