ދިވެހިންގެ ދިރިއުޅުމުގެ އުންމީދީ އުމުރު 80 އަހަރާ ގާތްވެފައިވާއިރު، ލޯނު ދޫކުރުމުގައި 60 އަހަރުގެ ލިމިޓެއް އޮތުމަކީ މިހާރުގެ ހާލަތާ ގުޅޭ ކަމެއް ނޫން ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެ ލިމިޓް 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި، އުމުރުން ދުވަސްވުމުގެ ސަބަބުން ލޯނު ނުލިބިގެން ރައްޔިތަކު ކުރި ޝަކުވާއަކަށް ޖަވާބުދެއްވަމުންނެވެ.
އެ ޕްރޮގްރާމުގައި ވާހަކަދެއްކި މީހާ ބުނީ، އަމިއްލަ ގެ އަޅަން ލޯނެއް ހޯދަން ބެލިއިރު، ލޯނު ދޫކުރާ އުމުރު ކަމަށްވާ 60 އަހަރަށްވުރެ އޭނާގެ އުމުރު މަތިވެފައިވާތީ ލޯނު ލިބޭގޮތް ނުވި ކަމަށެވެ. ދަރިންގެ ތައުލީމަށާއި އެހެނިހެން ކަންކަމަށް ލޯނު ނަގާފައި ހުރުމުން، ދަރިންނަށް ވެސް އެކަމުގައި އެހީތެރިވެވެން ނެތް ކަމަށް އޭނާ ބުންޏެވެ.
ލޯނު އަނބުރާ ނުދެއްކިއްޖެނަމަ ގެ ނުވަތަ އެސެޓް ބޭންކަށް ނެގޭ ގޮތަކަށް ވިޔަސް، އުމުރުން ދުވަސްވީ މީހުންނަށް ލޯނު ލިބޭނެ މަގު ފަހިކޮށްދެއްވުމަށް އޭނާ ވަނީ ރައީސަށް ދަންނަވާފައެވެ.
އެ ޝަކުވާއަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ކުރިން ދިވެހިންގެ އެވްރެޖް އުމުރު ކުޑަ ކަމަށާއި، މިހާރު އެ އުމުރު 80 ހިސާބުގައި އޮތުމުން، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބީއެމްއެލްގައި އެކަމަށް ބަދަލެއް ގެނައުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން ބެންކުގަ އެއަށް ބަދަލެއް ގެނެސްދޭށޭ. ކަމާއި ބެހޭ ވުޒާރާގައި ފިނޭންސް މިނިސްޓްރީގައި ދަންނަވާފަވާނެ. އަޅުގަނޑު އެދިފައި އޮންނާނީ 75 އަހަރާ ހަމައަށް ނޫނީ އެއަށްވުރެވެސް މައްޗަށް އޭޖް ލިމިޓް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަގުތަކުގެ ކަންމަތިތަކާއި ހަނި ގޯޅިތަކުގައި ގަވާއިދާ ހިލާފަށް ސައިކަލު ޕާކުކުރުމުގެ ސަބަބުން ގެދޮރަށް ވަދެނުކުތުމަށް ދަތިވާ ކަމުގެ ޝަކުވާއަށް ޖަވާބުދެއްވަމުން، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަކި އޮފީހެއް ގާއިމުކޮށްފައިވާ ކަމަށާއި، ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.





