ނުވަ އަހަރު ވަރަކަށް ހުއްޓިފައި އޮތް ހުޅުމާލޭގެ ވޯޓާ ތީމް ޕާކުގެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދާއިރު، 18 މަސް ވަރަކަށް ތެރޭގައި އެ މަސައްކަތް ނިންމައި އާންމުންގެ ބޭނުމަށް ހުޅުވާލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ކުރިން ފަށާފައި ހުރި ގިނަ މުހިންމު މަޝްރޫޢުތަކެއް އެއްވެސް ކުރިއެރުމެއް ނުލިބި އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ކަމަށާއި، ފާއިތުވި ތިން އަހަރު ތެރޭގައި އެޗްޑީސީއަށް ހާސިލުކުރެވުނު އެންމެ ބޮޑު ކާމިޔާބަކީ އެ މަޝްރޫޢުތައް ނިންމާލެވުން ކަމަށެވެ.
އެގޮތުން، އެޗްޑީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ފްލެޓް މަޝްރޫޢު ނިންމައި، 400 އަށްވުރެ ގިނަ މުވައްޒަފުންނާ ފްލެޓްތައް ހަވާލުކުރެވިފައިވާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
އޭގެ އިތުރުން، ހުޅުމާލޭގައި އެސްޓީއޯއިން ތަރައްޤީކުރަން ފަށައި 18 އަހަރު ވަރަކަށް މަޑުޖެހިފައި އޮތް ގްރޭންޑް ހޮޓަލުގެ މަސައްކަތް މެންހެޓަން ކުންފުންޏާ ހަވާލުކުރުމަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި ހޮޓާ ހުޅުވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ޖައުސާ ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރަން ފެށި "ދަ ގާޑެންސް" ހައުސިން މަޝްރޫޢު ހުއްޓިފައި އޮތުމުން، އެޗްޑީސީން އެ މަސައްކަތާ ހަވާލުވެ ނިންމައި، އެޕާޓްމަންޓް ގަތް މީހުންގެ ތެރެއިން ގިނަ ބަޔަކަށް އެތަންތަނަށް ވަދެވޭނެ މަގު ފަހިކޮށްދެވިފައިވާ ކަމަށްވެސް ޒުހައިރު ވަނީ ވިދާޅުވެފައެވެ.





