އާންމު ބާޒާރުގައި ކެރެޓުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ފިހާރަތަކުން ކެރެޓު ކިލޯއެއް ވިއްކަމުން ދަނީ 40 ރުފިޔާއަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން "އެކްސް"ގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެސްޓީއޯއިން ލޮނުމެދު ކިލޯއެއް 50 ރުފިޔާއަށް ވިއްކާއިރު، ފިޔާ ކިލޯއެއް 15 ރުފިޔާއަށާއި އަލުވި ކިލޯއެއް 12 ރުފިޔާއަށް ވިއްކަމުންދެއެވެ.
ބާޒާރުގެ ވިޔަފާރިވެރިން ބުނާ ގޮތުގައި، ކުރިން 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދަށް ލިބުނު ކެރެޓު ކިލޯއެއްގެ އަގު މިހާރު ވަނީ 160 ރުފިޔާއާއި 170 ރުފިޔާއާ ދެމެދަށް އަރާފައެވެ. ކުރިން 180 ރުފިޔާއާއި 200 ރުފިޔާއާ ދެމެދަށް ލިބުނު ކެރެޓު ކޭހެއް މިހާރު ވިއްކަނީ 1،500 ރުފިޔާއަށެވެ.
ކެރެޓުގެ އިތުރުން ބާޒާރުގައި އެހެން ބައެއް ބާވަތްތަކުގެ އަގު ވެސް ވަނީ ބޮޑުވެފައެވެ. ކުރިން 400 ރުފިޔާއަށް ވުރެ ދަށުން ލިބުނު ބިސް ކޭހެއް މިހާރު ވިއްކަނީ 530 ރުފިޔާއަށް ކަމަށާއި، ކުރިން 230 ރުފިޔާއާއި 250 ރުފިޔާއާ ދެމެދަށް ލިބުނު ފިޔާ ބަސްތާއެއްގެ އަގު 480 ރުފިޔާއާއި 500 ރުފިޔާއާ ދެމެދަށް އަރާފައިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ 9 އިންސައްތަ އުފުލިފައެވެ. މަހުން މަހަށް ބަލާއިރު، ތަކެތީގެ އަގު ވަނީ 1.01 އިންސައްތަ އިތުރުވެފައެވެ.





