މެރިކަލްޗަރ ތަރައްޤީކުރުމަށް ޚާއްޞަކޮށް ރާއްޖޭގެ 13 ސަރަހައްދެއް ކަނޑައަޅައި، އެ ސަރަހައްދުތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ފުރުޞަތު ހުޅުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަސައްކަތަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރޭގައި މ. އަތޮޅުން 3 ސަރަހައްދު، ތ. އަތޮޅުން 2 ސަރަހައްދު، ދ. އަތޮޅުން 2 ސަރަހައްދު، ފ. އަތޮޅުން 2 ސަރަހައްދު އަދި ގއ. އަތޮޅުން 1 ސަރަހައްދު ހިމެނެއެވެ. އަދި ބޮޑު ތިލަދުންމައްޗާއި މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް މި މަސައްކަތަށް ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދު ކަމަށް ވާއިރު، އެ ވަސީލަތްތަކުން އާންމުންނަށް ލިބޭ މަންފާ އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
އަލަށް މެރިކަލްޗަރގެ ވިޔަފާރި ފަށާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމާއި، ޚާއްޞަ ލުއިތަކާއެކު ބިމާއި ފަޅުތައް ދޫކުރުމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި "އެސްއެމްއީ ޑިޖިޓަލް" އާއި ވުޒާރާ ގުޅިގެން ހިންގާ މެރިކަލްޗަރ ސްކީމް ހިމެނެއެވެ.
މި ދާއިރާއިން ދިވެހިން ބިނާކުރުމަށް ހިންގާ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް، ކުރިން އަހަރަކު 2 ފަހަރު ބާއްވަމުން އައި އިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން އަހަރަކު 4 ފަހަރަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން މިހާތަނަށް 8 ކޯހެއް ހިންގައި، 102 ފަރާތަކުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
2025 ވަނަ އަހަރު ފުރަތަމަ ފަހަރަށް ސިނާޢީ ފެންވަރުގައި މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރަން ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ދިވެހިން މި ދާއިރާއަށް އަހުލުވެރިކޮށް، ޤައުމުގެ އިޤްތިޞާދަށް މެރިކަލްޗަރުން ލިބޭ އާމްދަނީ އިތުރުކުރުމެވެ.





