މަނީޕޫރުގައި ވިހަ ބަނގުރާ ބުއިމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 11 އަށް އަރައިފި

ވިހަ ބަނގުރާ ބުއިމުގެ ސަބަބުން އިންޑިއާގެ މަނީޕޫރު ސްޓޭޓްގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 11 މީހަކު މަރުވެ، އިތުރު 180 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގަވާއިދާ ޚިލާފަށް އަދި ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް އުފައްދާފައިވާ ބަނގުރާ ބޭނުންކުރުމުގެ ސަބަބުންނެވެ.

މަނީޕޫރުގެ ޗީފް މިނިސްޓަރު ޔުމްނަމް ކޭމްޗަންދް ސިންގް ވިދާޅުވި ގޮތުގައި، ބަލިމީހުންނަށް ފަރުވާދެމުން ދަނީ ދެ ހޮސްޕިޓަލެއްގައެވެ. ހާދިސާއާ ގުޅިގެން ތަހުގީގު ފަށާފައިވާއިރު، ޒިންމާވާ ފަރާތްތައް ހައްޔަރުކޮށް ހަރުކަށި އަދަބު ދެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ބަނގުރާގެ ބާރު ގަދަކުރުމަށްޓަކައި ސިނާއީ ކެމިކަލެއް ކަމަށްވާ މެތަނޯލް ފަދަ ވިހަ މާއްދާތައް އެއްކުރާއިރު، އިންޑިއާގެ އެކި ސަރަހައްދުތަކުގައި އަގުހެޔޮކޮށް އުފައްދާ ބަނގުރާ ބުއިމުގެ ސަބަބުން މީހުން މަރުވާ ހާދިސާތައް މީގެ ކުރިން ވެސް ތަކުރާރުކޮށް ހިނގާފައިވެއެވެ.

އެގޮތުން މި އަހަރުގެ އޮގަސްޓް މަހު ގުޖުރާތުގެ ބާވްނަގަރު ޑިސްޓްރިކްޓްގައި ވިހަ ބަނގުރާ ބޮއެގެން 13 މީހަކު މަރުވެ، 60 އަށްވުރެ ގިނަ މީހުން އެޑްމިޓްކޮށްފައިވެއެވެ. އަދި މެއި މަހު މަހަރާޝްތުރާގެ ޕޫނޭ އާއި ޕިމްޕްރީ-ޗިންޗްވާޑްގައި ވެސް މަދުވެގެން 15 މީހަކު ވަނީ މަރުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް