2035 ވަނަ އަހަރާ ހަމައަށް ދާއިރު ކްރިސްޓިއަން ދީން ފަހަތަށް ޖައްސާލައި، ދުނިޔޭގައި އެންމެ ގިނަ މީހުން ތަބާވާ ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ޕިއު ރިސާޗް ސެންޓަރުން ނެރުނު ދިރާސާ ރިޕޯޓެއްގައި ލަފާކޮށްފިއެވެ.
2020 ވަނަ އަހަރުން ފެށިގެން 2070 ވަނަ އަހަރާ ދެމެދު ދުނިޔޭގެ ބޮޑެތި ދީންތަކުގެ އާބާދީއަށް އަންނާނެ ބަދަލުތައް ދެނެގަތުމަށް ކުރި މި ދިރާސާގައި ބުނާ ގޮތުގައި، މުސްލިމުންގެ އާބާދީ އިތުރުވަމުން ދަނީ ކްރިސްޓިއަނުންނަށްވުރެ މާ ހަލުވި މިނެއްގައެވެ.
މުސްލިމުންގެ އާބާދީ ހަލުވިކޮށް އިތުރުވާ މައިގަނޑު ސަބަބަކީ ވިހާ ރޭޓު މަތިވުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން މުސްލިމް އަންހެނަކަށް އެވްރެޖްކޮށް 3.1 ކުދިން ލިބޭ ކަމަށް ދިރާސާގައި ވެއެވެ.
ދީން ދޫކޮށްލާ މީހުންގެ ނިސްބަތް ވެސް ކްރިސްޓިއަނުންނާ އަޅައިބަލާއިރު މުސްލިމުންގެ ތެރޭގައި މާ ދަށް ކަމަށް ރިޕޯޓުގައި ވެއެވެ.
2070 ވަނަ އަހަރާ ހަމައަށް ދާއިރު، ދުނިޔޭގައި އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ޤައުމަކަށް ޕާކިސްތާން ވާނެ ކަމަށް ވެސް މި ދިރާސާއިން ދައްކައެވެ.





