ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހަން ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވާލި މައްސަލައިގައި ހައްޔަރުކުރި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު ޢަލީ ޖުމާންގެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކުރީ މިއަދު ކްރިމިނަލް ކޯޓުގައެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރި ޖުމާންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު ވަނީ އިތުރު 15 ދުވަހަށް ދަމަހައްޓާފައެވެ.
ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ބަޔާންކޮށްފައިވާ ގޮތުގައި، ޖުމާން އޭނާގެ ފޯނުގެ ޕާސްވޯޑު ދީފައެއް ނުވާއިރު، ފޯނުގެ ލޮކް ކޯޑު ވެސް ކްރެކް ކުރެވިފައެއް ނުވެއެވެ. ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މައްސަލަ ބަލާ ފުލުހުންގެ އޮފިސަރު ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.
އަދި ޖުމާން "އެކްސް"ގައި ގެންގުޅުނު އައިޑީއާ ގުޅޭ މަޢުލޫމާތު ހޯދުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުން ދާ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެ އައިޑީގައި ހިމެނޭ އިތުރު ޕޯސްޓުތަކުން، އެ އައިޑީއާއި ޖުމާނާ ދެމެދު ގުޅުމެއް އޮތް ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.
ހުޅުޖަހަން ގޮވާލި ޕޯސްޓު "އެކްސް" އެކައުންޓުގައި ކުރުމަށްފަހު، ޖުމާން ވަނީ އެ ޕޯސްޓު ޑިލީޓުކޮށްފައެވެ.
ޖުމާން ހައްޔަރުކުރުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި ތުހުމަތުގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ވެސް ހައްޔަރުކުރިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން ބޭއްވި "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާގައި ވެސް ޖުމާން ހައްޔަރުކޮށްފައިވެއެވެ.





