ގޭމަރުން އިންތިޒާރުކުރަމުން އައި ޖީޓީއޭ 6 ރަސްމީކޮށް ނެރެފި

ރޮކްސްޓާ ގޭމްސްގެ "ގްރޭންޑް ތެފްޓް އޮޓޯ 6" (ޖީޓީއޭ 6) ރަސްމީކޮށް ނެރުމާއެކު، 13 އަހަރު ވަންދެން މުޅި ދުނިޔޭގެ އެތައް މިލިއަން ގޭމަރުން ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައިސްފިއެވެ.

ޖީޓީއޭ 6 ނެރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ޓައިމް ޒޯނެއްގެ ވެސް ބުރާސްފަތި ދުވަހުގެ މެންދަމު 12:00 ގައެވެ. އެގޮތުން ގޭމު ރަސްމީކޮށް ދޫކުރަން ފަށާފައިވަނީ ނިއުޒީލެންޑާއި އޮސްޓްރޭލިއާއިންނެވެ.

ގޭމު ނެރުމުގެ ކުރިން ރިވިއުތައް ޝާއިޢުކުރުމުގެ ހުއްދަ ދިނުމާއެކު، 150 އަށްވުރެ ގިނަ ކްރިޓިކުން ވަނީ މި ގޭމަށް ތައުރީފުކޮށްފައެވެ. ރިވިއު އެގްރިގޭޓަރެއް ކަމަށްވާ "މެޓާކްރިޓިކް" ގައި މި ގޭމަށް ލިބިފައިވާ ސްކޯ އުޅެނީ 99 ގައެވެ.

ގޭމު ނެރެން މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ބުދަ ދުވަހު ޕްލޭސްޓޭޝަން ނެޓްވޯކްގެ ބައެއް ޚިދުމަތްތައް މެދުކެނޑި ގިނަ ޔޫޒަރުންނަށް ދަތިތަކާ ކުރިމަތިވިއެވެ.

ސޮނީން ނެޓްވޯކް ސްޓޭޓަސް ޕޭޖުގައި ޝާއިޢުކުރި ނޯޓިހެއްގައި ބުނެފައިވަނީ، ގޭމްތަކާއި އެޕްލިކޭޝަންތައް ހުޅުވުމުގައި ނުވަތަ ނެޓްވޯކްގެ އެކި ޚިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށެވެ. "އަޅުގަނޑުމެން މިދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން،" ސޮނީގެ ބަޔާނުގައި ވެއެވެ. ނަމަވެސް ޚިދުމަތްތަކަށް ބުރޫއަރަން މެދުވެރިވި ސަބަބެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

ގޭމު ނެރުމުގެ ކުރިން، ސޮނީން ވަނީ ޕްލޭސްޓޭޝަން 5 ކޮންސޯލްތަކަށް ކޮންމެހެން އަޅަންޖެހޭ ސިސްޓަމް އަޕްޑޭޓެއް ވެސް ދޫކޮށްފައެވެ.

ޖީޓީއޭ 6 ގަތުމަށް 80 ޑޮލަރު ހޭދަކުރަން ޖެހޭއިރު، އެތައް މިލިއަން ބަޔަކު ވަނީ ގޭމު ޕްރީ-އޯޑަރު ކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް