ހަންގޭރީގެ ކުރީގެ ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު މިކްލޯސް ސެސްޓާކްއާ ގުޅިގެން ހިންގަމުންދާ ކޮރަޕްޝަންގެ ތަހުގީގެއްގައި، ޖަންގަލިތަކާއި ގުދަންތަކުގައި ވަޅުލައި ފޮރުވާފައި ހުރި ބޮޑު އަދަދެއްގެ ނަގުދު ފައިސާ އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން އަތުލައިގެންފިއެވެ.
ހަންގޭރީގެ ނޭޝަނަލް އެސެޓް ރިކަވަރީ އެންޑް ޕްރޮޓެކްޝަން އޮފީސް (އެންވީވީއެޗް) އިން ހާމަކުރި ގޮތުގައި، ދެ ދުވަހުގެ މުއްދަތަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޖަންގަލިތަކާއި ދަނޑުވެރިކަމުގެ އިމާރާތްތަކާއި ގުދަންތަކުގެ އިތުރުން، މީހުން ދިރިއުޅޭ ގެތަކާއި އެކަހެރި ސަރަހައްދެއްގައި ހުރި ސޭފެއްގައި ފޮރުވާފައި ހުރި ފައިސާ ވަނީ ފެނިފައެވެ.
އަތުލައިގަތް ފައިސާގެ ތެރޭގައި 5،071،632،000 ހަންގޭރިއަން ފޮރިންޓާއި 2،658،350 ޔޫރޯ އަދި 1،257،100 އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް އެންވީވީއެޗުން ބުނެފައިވެއެވެ. މި ފައިސާ މިހާރު ވަނީ ހަންގޭރީގެ ދައުލަތުގެ ޚަޒާނާއާ ހަވާލުކޮށްފައެވެ.
ސެސްޓާކްގެ މައްޗަށް ތުހުމަތުކުރެވެނީ ޤައުމީ ބަސް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏާ ގުޅުންހުރި ކަންތައްތަކެއްގައި ރިޝްވަތު ނެގި ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް ސެސްޓާކް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.





