ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު 30 ބިލިއަން ރުފިޔާ ފަހަނައަޅައިފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޔަޒްމީދު މިހެން ވިދާޅުވީ، ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި މިއަދު ފެށި މި އަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމް ހުޅުވުމުގެ ގޮތުން ދެއްވި ތަގްރީރުގައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕެންޝަން އޮފީހުގެ ޑޭޓާ ޕޯޓަލްގައި ޝާއިޢުކޮށްފައިވާ ނިމުނު ސެޕްޓެމްބަރު މަހުގެ 30 ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަންޑުގެ ދަށުން މެނޭޖްކުރާ ޖުމްލަ އެސެޓްސްގެ އަގަކީ 30.3 ބިލިއަން ރުފިޔާއެވެ. އަދި ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި މިހާރު 204،549 މީހުން ބައިވެރިވެފައިވެއެވެ.
ޔަޒްމީދު ވިދާޅުވީ، ވޭތުވެދިޔަ 12 މަސް ދުވަހު ފަންޑުން 16.8 މިލިއަން ރުފިޔާ ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި ދޫކޮށްފައިވާ ކަމަށާއި، އެ މުއްދަތުގައި ސަރުކާރުން ދޫކުރާ ޕެންޝަންގެ ގޮތުގައި 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.
"މިއަދު އަހަރެމެން ނިންމާ ނިންމުންތަކުން ސީދާ ކަނޑައަޅާނީ ދުރު މުސްތަޤްބަލުގައި އަހަރެމެންގެ މެމްބަރުންނާއި ޕެންޝަނަރުންގެ މާލީ ރައްކާތެރިކަން،" ޔަޒްމީދު ވިދާޅުވިއެވެ.
ޕެންޝަން އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް، އެންމެ ފައިދާހުރި ގޮތުގައި ޕޯޓްފޯލިއޯ އެކުލަވާލުމާއެކު ދުރުރާސްތާގެ ވިލުންވެރިކަން ކަށަވަރުކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އީއެސްޖީ މިންގަނޑުތަކަށް ފެތޭ މަޝްރޫޢުތަކާއި، ކްލައިމެޓް ފައިނޭންސިންގއަށް މަގުފަހިވާނެ އައު ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ޔަޒްމީދު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ފައިނޭންސް ފޯރަމްގެ މައުޟޫއަކީ ގްރީން ފައިނޭންސް، ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަމެވެ.





