ފަސް އަހަރު ދުވަހުގެ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ މާފަންނު ޓްރެކް ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" އެވެ. މަޝްރޫޢު އިފްތިތާހުކުރާ ދުވަސް "ޤައުމީ އިޙްތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަކުރުމަށް ވެސް ކެބިނެޓުން ވަނީ ނިންމާފައެވެ.
ދައުލަތުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާޢަތްތަކުން ބައިވެރިވި މި ޖަލްސާގައި، މަޝްރޫޢާ ގުޅޭ ޕްރެޒެންޓޭޝަނެއް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ހުށަހަޅުއްވައިފައިވެއެވެ. އަދި ކެމްޕެއިނުގެ ރަސްމީ ލޯގޯ، ޝިޢާރާއި ތީމް ލަވައާއި އިފްތިތާހީ ވީޑިއޯ ވެސް ދައްކާލި އިރު، ޖަލްސާ ނިންމާލީ ހަވާ އެރުވުމަކާއެކުގައެވެ.
މި މަޝްރޫޢުގެ ވާހަކަ މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކަވަމުން ރައީސް ވިދާޅުވީ، މަޝްރޫޢަށް ޕްލޭނާއި ޓައިމްލައިނާއި ބަޖެޓް ހަދައި ކެބިނެޓުގެ އެޕްރޫވަލް ލިބިފައިވާ ކަމަށާއި، މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ހިނގާނެ ކަމެއް ކަމަށެވެ.
މިނިސްޓަރު ހީނާ ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އަށް ވުޒާރާއަކާއި ޕަބްލިކް ސަރވިސް މީޑިއާ ހިމެނޭ ޖުމްލަ 9 އިދާރާއެއްގެ ސްޓީއަރިންގ ކޮމިޓީއަކުންނެވެ. އަދި ވުޒާރާތަކާއި މުއައްސަސާތަކާއި ސްކޫލްތަކާއި ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތައް ވެސް މި މަޝްރޫޢުގައި ޝާމިލުވެއެވެ.
ދިވެހިންގެ މެދުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ސިފަ އަލުން އަށަގެންނެވުމަށް ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ފައްޓަވާނެކަން ރައީސް އިޢުލާންކުރެއްވީ މި އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.





