ބިދޭސީ ފިރިހެނަކު ދިވެހި 5 ރުފިޔާގެ ނޫޓެއް ދަތްތަކުން ވިކައި ކުދިކުދިކޮށް ވީދާލާ މަންޒަރު ފެންނަ ވީޑިއޯއެއް ޓިކްޓޮކްގައި އާންމުވުމާ ގުޅިގެން، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ދިވެހި ފައިސާގެ ނޫޓަކަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން ދިއުމާއެކު، އެއީ ޤައުމީ ފައިސާއަށް ކުރި އިހާނެތިކަމެއްގެ ގޮތުގައި ފާހަގަކޮށް، އެ މީހާ ހޯދައި ޤާނޫނު ތަންފީޒުކޮށްދިނުމަށް ގިނަ ބަޔަކު ދަނީ ކަމާބެހޭ މުއައްސަސާތަކަށް ބާރުއަޅަމުންނެވެ.
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދުތަކުގެ ދަށުން، ދިވެހި ފައިސާގެ ނޫޓަކަށް ގަސްތުގައި ގެއްލުމެއް ދިނުމަކީ މަނާ، ޤާނޫނީ ކުށެކެވެ. އާންމުކޮށް ބޭނުންކުރުމުން ނޫޓަށް ލިބޭ ބައުވުން ފިޔަވައި، ނޫޓުގައިވާ ކުރެހުމާއި ސިރިއަލް ނަންބަރު، ސޮއި ނުވަތަ އަސްލު ސިފައަށް ބަދަލު އަންނަ ފަދަ ކަމެއް ކުރުމަކީވެސް މަނާކަމެކެވެ.
ދިވެހި ފައިސާއަކީ ދައުލަތުގެ މިލްކިއްޔާތަކަށް ވުމުން، ފައިސާއަށް ގެއްލުން ދީފިނަމަ ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާއި ދައުލަތުގެ ރަސްމީ ލިޔެކިޔުމަކަށް ގަސްތުގައި ގެއްލުން ދިނުމުގެ ދައުވާ ޤާނޫނުލްޢުޤޫބާތުގެ ދަށުން އުފުލިދާނެއެވެ. މިފަދަ ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވަނީ ޖަލު ހުކުމާއި ޖޫރިމަނާކުރުން ފަދަ އަދަބުތަކެވެ.





