އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އެކުގައި ބައިވެރިވެވަޑައިގަންނަވާ ތާރީޚީ ބައްދަލުވުމެއް އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.
މި ތިން ޤައުމުގެ ވެރިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޓެކްނޮލޮޖީގެ މަރުކަޒު ކަމަށްވާ ޝެންޒެންގައި ބާއްވާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގެ އަރިމަތީގައެވެ.
މި ބައްދަލުވުން ބާއްވަނީ، އެމެރިކާއާއި ރަޝިޔާއާ ދެމެދު ނިއުކްލިއަރ ހަތިޔާރު މަދުކުރުމަށް ވެވިފައިވާ އެންމެ ފަހުގެ އެއްބަސްވުން ނިމުމަކަށް އައިތާ ނުވަ މަސް ފަހުންނެވެ.
ނިއުކްލިއަރ ހަތިޔާރުތަކާ ގުޅޭގޮތުން ތިން ޤައުމުގެ މެދުގައި އައު އެއްބަސްވުމަކަށް އައުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ޓްރަމްޕް ވަނީ މި ބައްދަލުވުން ފާހަގަކުރައްވާފައެވެ.
"ނިއު ސްޓާޓް" އެއްބަސްވުމުގެ މުއްދަތު މިދިޔަ ފެބްރުއަރީ މަހު ހަމަވުމުން، އެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރަން ރަޝިޔާއިން އެދުނު ނަމަވެސް ޓްރަމްޕް ވަނީ އެކަމަށް އިންކާރުކުރައްވާފައެވެ. އޭގެ ބަދަލުގައި ޓްރަމްޕް ބޭނުންފުޅުވަނީ ޗައިނާވެސް ހިމެނޭ ގޮތަށް އައު އެއްބަސްވުމެއް އެކުލަވާލުމަށެވެ.
ނަމަވެސް، މި ބައްދަލުވުމުން ވަގުތުން ވަގުތަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ނުބެލެވޭ ކަމަށާއި، މިއީ އިތުރު މަޝްވަރާތަކުގެ ފެށުމެއް ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ޓްރަމްޕް ބޭނުންފުޅުވަނީ ރައީސް ޝީ އާއި ރައީސް ޕޫޓިންއާއެކު އީރާނުގެ މައްސަލައާ މެދު މަޝްވަރާކުރެއްވުމަށެވެ. ނަމަވެސް ޔޫކްރެއިން ހަނގުރާމައިގެ ވާހަކަތަކުން އެމަނިކުފާނު ދުރުހެލިވެވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި އެންމެ ގިނަ ނިއުކްލިއަރ ހަތިޔާރު ހުރީ ރަޝިޔާގައެވެ. ދެވަނައަށް އެމެރިކާ އޮތްއިރު، ތިންވަނައަށް އޮތީ ޗައިނާއެވެ.
މި ބައްދަލުވުމަކީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ އައު ނިޒާމު ބައްޓަންކުރުމަށް އެމެރިކާ، އިނގިރޭސިވިލާތް އަދި ސޯވިއެޓް އިއްތިހާދުގެ ވެރިން 1945 ވަނަ އަހަރު ބޭއްވި ޔާލްޓާ މަހާސިންތާއާ އެއްފަދަ ބައްދަލުވުމެއް ކަމުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.





