އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމުގެ މުވާސަލާތީ ނެޓްވޯކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން، ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މުޅި ގައުމުގެ ހުރިހާ ފްލައިޓްތަކެއް އެއްގަމުގައި މަޑުޖައްސާލުމަށް އަމުރުކުރުމުން، އެ ގައުމުގެ ވައިގެ ދަތުރުފަތުރު ގަޑިއިރުތަކެއްވަންދެން ހުއްޓިފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.
އެފްއޭއޭ އިން މި ނިންމުން ނިންމީ، ނިޒާމަށް ދިމާވި މައްސަލައާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި ފަސިންޖަރުންގެ ސަލާމަތަށްޓަކައި ކަމަށް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބޯޓުތަކާ ކުރެވޭ މުވާސަލާތަށާއި ރޭޑިއޯ ނިޒާމުތަކަށް ވަނީ ބުރޫއަރާފައެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވިދާޅުވީ، މި ހާދިސާއަކީ ސައިބާ ހަމަލާއެއްގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށެވެ.
ފްލައިޓްތައް ހުއްޓުމުގެ ސަބަބުން ހާސްބައިން ފްލައިޓް ކެންސަލްވެ، އެމެރިކާގެ އެކި އެއާޕޯޓްތަކުގައި ގިނަ އަދަދެއްގެ ފަސިންޖަރުން ތާށިވިއެވެ. ޝިކާގޯގެ އެއާޕޯޓްތައް ހިމެނޭ ގޮތަށް ގިނަ އެއާޕޯޓްތަކަށް ވަނީ ބާރުބޮޑުވެފައެވެ.
ނިޒާމަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު، އެފްއޭއޭ އިން ވަނީ ފްލައިޓްތައް އަލުން ފެށުމުގެ ހުއްދަ ދީފައެވެ.





