އީރާނުގެ ދެކުނުގައި ހުރި މުވާސަލާތީ ޓަވަރަކަށް އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގެ ރައްދުގައި، ބަހުރައިނުގައި ހުރި އެމެރިކާގެ ސިފައިންގެ ދުރާލާ އިންޒާރުދޭ ރާޑަރަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރު (އައިއާރްޖީސީ) އިން ބުނެފިއެވެ.
އީރާނުން ބުނާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ހުރުމުޒުގާން ޕްރޮވިންސްގެ ސީރީކްގައި ހުރި އީރާނުގެ މުވާސަލާތީ ޓަވަރަކަށް އެމެރިކާގެ ސިފައިން ހަމަލާދިނުމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
މިއީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅަށް ފަހު، ގަލްފުގެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތަކަށް އީރާނުން ހަމަލާދިން ފުރަތަމަ ފަހަރު ކަމަށް ވެސް އައިއާރްޖީސީން ބުނެފައިވެއެވެ.
ނަމަވެސް، މި ހަމަލާއާއި ހަމަލާގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އެމެރިކާއިން ނުވަތަ ބަހުރައިނުން މިހާތަނަށް ވަކި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ހަމަލާ ދީފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ހަމަލާތައް ނާޒުކު ގޮތަކަށް މެދުކެނޑިފައިވާ ދަނޑިވަޅެއްގައެވެ. ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި، އީރާނުން ވަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ.





