ޒާތީ އަރާރުންތަކަށްވުރެ ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރުމަށް ރައީސް ރައްޔިތުންނަށް އިލްތިމާސްކުރައްވައިފި

ޒާތީ އަރާރުންތަކަށްވުރެ ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކޮށް، ސިޔާސީ ޖަޒުބާތުތަކުގެ ކުރިއަށް ޤައުމީ އިޚްލާޞްތެރިކަން ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މި އިލްތިމާސް ކުރެއްވީ، ހުރަވީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް އަރިސްކުރައްވާފައިވެއެވެ.

ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިއަށް ޤައުމީ ސަލާމަތާއި ފުދުންތެރިކަމާއި ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް އިސްކަންދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ، ފުދުންތެރިކަމުގެ ފާގަތި މުސްތަޤްބަލަކަށް މަރުޙަބާ ކިޔަން ޖެހޭ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ހުރަވީ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް 3 ޤަރުނު ފުރެން ކައިރިވަމުން އަންނައިރު، ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތާއި މިނިވަންކަން ދިފާޢުކުރަން ޖެހޭ ގޮތްތަކާ މެދު ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށާއި، ތާރީޚުން ފިލާވަޅު ލިބިގަނެ މުސްތަޤްބަލު އުޖާލާކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމްދީނުގެ ޙައްޤުގައި ހިތްވަރުގަދަ ޖިހާދެއް ކުރައްވައި ދިވެހި ޤައުމު ސަލާމަތްކުރެއްވި ޤައުމީ ބަޠަލު، ދޮންބަންޑާރައިން، ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ރައީސް ދުޢާ ދަންނަވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ޤައުމަށް ކުރިއެރުމާއި ކާމިޔާބީ މިންވަރުކުރައްވައި، މި ލޮބުވެތި ވަޠަން މިނިވަންކަމުގެ މަތީގައި އަބަދަށް ލެހެއްޓެވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް