ރާއްޖެއިން ބޭރުން ފައިސާ ހޯދުމާއި ކޭޝްފްލޯ މެނޭޖުކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ރައީސާ ބައްދަލުކުރި މީހަކު ފާހަގަކުރީ، ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު ދަތިތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން ފައިސާ ހޯދުމުގައި ހުރި ދަތިތައް ހިމެނޭ ކަމަށެވެ. ޕޭޕަލްގެ ޚިދުމަތް ވެސް ވިޔަފާރިތަކަށް ބޭނުންކުރެވޭ ގޮތަކަށް އަދި ނުވާ ކަމަށް އޭނާ ބުންޏެވެ.
ފައިސާ ލިބުމަށް ގިނަ ދުވަސްތަކެއް ނަގާތީ ކޭޝްފްލޯ މެނޭޖުކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި، ޓެކްސާ ގުޅޭ ދަތިތަކެއް ވެސް ހުރި ކަމަށް އޭނާ ފާހަގަކުރިއެވެ.
އެ ވާހަކަތައް އަޑުއައްސަވާ ރައީސް ވިދާޅުވީ، ފާހަގަކުރި ކަންކަމަކީ ވަރަށް މުހިންމު ކަންތައްތައް ކަމަށެވެ.
"ތި ވިދާޅުވި ހުރިހާ ކަމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރަނގަޅު ހައްލެއް ގެންނަން މަސައްކަތްކުރާނެ ކަންތައްތައް. އެއީ ޚާއްޞަކޮށް ޒުވާނުންނަށް އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމަށް،" ރައީސް ވިދާޅުވިއެވެ.





